މުނިފޫހިފިލުވުން

ވިޒިޓް މޯލްޑިވްސް އިޔަރ ޝޯއަށް ވީކޮމްޕެނީ ރާއްޖެ އަތުވެއްޖެ


ވިޒިޓް މޯލްޑިވްސް އިޔަރ 2016 ގެ
ޙަރަކާތްތައް ފެއްޓެވުމަށް ބާއްވަވާ ޝޯގައި ބައިވެރިވުމަށް އިންޑިޔާގެ މަޝްހޫރު
ޓީވީ ޝޯތައް ކަމަށްވާ "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް
ޕްލަސް"ގެ 2015 ވަނަ އަހަރުގެ 1 ވަނަ ޑާންސް ގްރޫޕް ކަމަށްވާ ވީ ކޮމްޕެނީ
ރާއްޖެ އަތުވެއްޖެއެވެ.



ޓޫރިޒަމް މިނިސްޓްރީން ބާއްވަވާ
މި ޝޯވްގެ އިވެންޓް އޮގަނައިޒަރަކީ، ޕަބްލިކް
ސަރވިސް މީޑިއާއެވެ. އިންޑިޔާގައި މަޝްހޫރުކަން
ހޯދަމުންދާ ޑާންސް ގްރޫޕް ވީ ކޮމްޕެނީ ރާއްޖެއަށް އައީ މިއަދު މެންދުރެވެ.



ވީ ކޮމްޕެނީގެ ނެށުންތެރިން ބުނީ
ދިވެހި ރާއްޖޭގައި ބާއްވާ ޝޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމީ ލިބުނު
ޝަރަފެއްކަމުގައެވެ. އަދި ރާއްޖެއަކީ ވަރަށް ރީތި ގައުމެއްކަމަށާއި ރާއްޖެއަށް
އާދެވުމުން ގްރޫޕްގެ ހުރިހާ މެންބަރުންވެސް ތިބީ ވަރަށް އުފަލުންކަމުގައެވެ.



ވިޒިޓް މޯލްޑިވްސް އިޔަރ 2016 ގެ
ޝޯގައި ވީ ކޮމްޕެނީން ހުށަހަޅައިދޭނީ ޒަމާނީ ހުށަހެޅުންތަކެއްކަމަށް އެ ގްރޫޕުން
ބުންޏެވެ.



މި ޝޯ ހުށަހަޅައި ދިނުމަށް
އިންޑިޔާގެ ޓީވީ ޗެނަލްތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި ހުސެން ހަމަޖެހުމަކީ
ޝޯއަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ. ހުސެން އަކީ އިންޑިޔާގެ ބައެއް
މަޝްހޫރު ޓީވީ ސީރީޒްތަކަކުން ފެނިގެން ދިޔަ ތަރިއެއް އަދި ހަމައެހެންމެ
އިންޑިޔޭގެ މަޝްހޫރު ޓީވީ ޝޯތައްކަމަށްވާ ނަޗްބަލިއޭއާއި އިންޑިއަން އައިޑޮލް
ހުސެންވަނި ހުށަހަޅާދީފައެވެ. މި ޝޯގެ މެއިން ސްޕޮންސަރ ދިރާގާ ގުޅިގެން ޚާއްޞަ
ޕްރޮމޯޝަންތަކެއް މިހާރު ވަނީ ފަށާފައެވެ.



މި ޝޯއަށް ގެންނަ ބޭރުގެ ފަންނާނު
އާތިފް އަސްލަމް ވިޒިޓް މޯލްޑިވްސް އިޔަރ ޝޯގައި ބައިވެރިވަނީ ޓޫރިޒަމް މިނިސްޓަރ
މޫސާ ޒަމީރުގެ ޚާއްޞަ ދައުވަތަކަށެވެ. މި ޝޯ ކާނިވާ ސަރަޙައްދުގެ ސްޓޭޖްގައި
ކުރިއަށްދާނި މިމަހުގެ 30 ވަނަ ދުވަހުގެ ރެއާއި 31 ވަނަ ދުވަހު ރޭއެވެ. މި ޝޯގައި
ރާއްޖޭގެ ފަންނާނުގެ ޙަރަކާތްތައް ފެންނާނެ. ޝޯ ބާއްވަނީ އާންމުކޮށް ހުޅުވާލައިގެނެވެ.