ޚަބަރު

ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވާ


ސަރުކާރުގެ ޕޮލިސީތައް ތަންފީޒު ކުރެއްވުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުއްވުމަކީ ސަރުކާރުން ޒުވާނުން ބާރުވެރި ކުރުމަށް ކުރައްވާ މަސައްކަތްތައް ދޭހަވާ ހެއްކެއް ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ޖޫނިޔާ ޗެމްބަރސް އިންޓަނޭޝަނަލް، ޖޭ.ސީ.އައި މޯލްޑިވްސް އާއި ވިމެން އޮން ބޯޑްސް ގުޅިގެން ކުރިއަށްގެންދާ ޔޫތު ޓު ލީޑާރސް ފޯރަމް 2015 ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ %35 އަކީ ޒުވާނުން ކަމަށްވާއިރު، ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ގިނަގުނަ ފުރުސަތުތަކެއް ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއްކަމެއް ކަމަށެވެ.ހަމައެއާއި އެކު އަންހެނުން ބާރުވެރި ކުރުވުމަށް ސިޔާސީ މަޤާމުތަކާއި، ނިންމުންތައް ނިންމެވުމުގެ ބާރު ލިބޭ ފެންވަރުގެ މަޤާމުތަކުގައި އަންހެނުން އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ އަދި އިޤްތިސާދީ ދާއިރާތައް ފަދަ ދާއިރާތަކުގައި އަންހެނުން އިސްވެ ހަރަކާތްތެރި ވުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ޔޫތު ލީޑަރސް ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އެކި ދާއިރާތަކުގެ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއިއެކު ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްގެ ގޮތުގައެވެ.