ބަންގްލަދޭޝާއި ރާއްޖެ ކަނޑުމަގުން ގުޅުވާލައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ މަޝްވަރާކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްވަނީ އެކަަމަނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ ބަންގްލަދޭޝާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައިވަނީ ބަންގްލަދޭޝާއި ރާއްޖެ ކަނޑުމަގުން ގުޅުވާލައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމުގައި ހުރި ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސިންގެ ގަވައިދުގެ ތެރެއަށް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ނައިބުރައީސް ވަނީ އަރުވާފައެވެ. އަދި އެންމެހައި ފަރާތެއްގެ ޙައްގުތަކަށްވެސް ރާއްޖެއިން އިޙްތިރާމްކުރާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީއާއި ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަންގްލަދޭޝްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ފުރުޞަތުތައް ބޭނުންވާ ރޮނގުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި އެކަމަނާގެ އަރިހަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުވެސްވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މިބައްދަކުކުރެއްވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމާއި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ރައީސް ރައިސް މުޙައްމަދު ނަޝީދުވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިޒިޔާރަތުގެ ތެރެއިން ރައީސް ނަޝީދުވަނީ އެކަމަނާއަށް ޚާއްސަ ހަދިޔާއެއްވެސް އަރުވާފައެވެ. ރައީސް ނަޝީދު ހަދިޔާކުރައްވާފައިވަނީ 19ވަނަ ގަރުނާއި 20ވަނަ ޤަރުނުގައި ދިވެހިން ވިޔަފާރި ދަތުރުކުރުމުގައި ގެންގުޅުނު ބޮޑެތި ދޯނިފަހަރު ދައްކުވައިދޭ ތަސްވީރެކެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިއަހަށް ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންގ އެފެއާޒް އަޙްމަދު ޚަލީލުވެސްވަނީ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖޭގެ ފޮރިންގ ސެކެޓްރީއާއި ފޮރިންގ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ބަންގަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ރާއްޖއިންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ މާޗްމަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާއަށް ދެއްވި ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.