ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ ފިރިހެން ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ފުރަތަމަ މެޗްގައި ރާއްޖެ ބަލިވެފައިވަނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
ގައުމީ ވޮލީ ޓީމް މިމެޗާއި ކުރިމަތިލާފައިވަނީ ވަރަށް ގިނަ އުނދަގޫތަކާއި ކުރިލަތިލުމަށްފަހުއެވެ. ފިރިހެން ޓީމު މުބާރާތަށް ފުރަން އެއާޕޯޓަށް ދިއުމާއެކު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، ޓީމް މާލޭގައި މަޑުކުރަން ޖެހުމާއި ގުޅިގެން ޓީމްގެ ކުޅުންތެރިންނަށް މުބާރާތުގެ ފުރަތަމަ މެޗަށް ދެވުނީ ވަރަށް އުނދަގުލުންނެވެ. ޓީމުގެ ކުޅުންތެރިން ބަންގްލަދޭޝަށް ދަތުރުކޮށްފައިވަނީ ވެސް ޓީމު އެއްކޮށެއް ނޫނެވެ.
މިއަދުގެ މެޗްގައި ގައުމީ ޓީމުން ލިބަރޯއެއް ނުލައި ކުޅެންޖެހުނުއިރު، މެޗްގައި ކުޅެފައިވަނީ ބަންގްލަދޭޝަށް އައިސް، އެވަރުބަލިކަން މަތީގައެވެ. ގައުމީ ޓީމަށް ނެގި ލިބަރޯ މުޙައްމަދު ނާއިމަށް ކޯދިޑް-19ގެ ސަބަބުން ޓީމާއެކު ދަތުރު ނުކުރެވުނުއިރު، ޓީމުގެ ދެވަނަ ލިބަރޯ ޖަވާމް ޢަލީ އަށް މިމެޗްގެ ފެށުމުގެ ކުރިން ހޯލަށް ދެވޭގޮތެއް ނުވިއެވެ.
ގައުމީ ޓީމު އެންމެ ފަހުން ޕްރެކްޓިކްސް މެޗެއް ކުޅެފައިވައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިޔާގެ ހައިދަރުއާބާދު ސްޕައިކާސްއާއި ދެކޮޅަށެވެ. އެމެޗަށް ފަހު ވާއިތުވެގެންދިޔަ ހަފްތާއެއްހާ ދުވަހު ގައުމީ ޓީމަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ކުޅުންތެރިންނަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އަމިއްލައަށްވެސް ގިނަ ގޯސްތަކެއް ހެދުނެވެ. މެޗްގެ ފުރަތަމަ ސެޓް ބަންގްލަދޭޝް ޓީމުން ގެންދިޔައީ 25-14އިންނެވެ.
މެޗްގެ ދެވަނަ ސެޓްގައި ރާއްޖޭގެ ޓީމުން މެޗުގެ ފުރަތަމަ ސެޓަށް ވުރެއް މޮޅު ކުޅުމެއް ދެއްކިއެވެ. އަދި ރާއްޖެއިން ކުޅުން ރަގަނޅުކޮށް، ކޮންމެ ދަނޑިވަޅެއްގައިވެސް ބަންގްލަދޭޝް ޓީމުން ރާއްޖެއަށް ޕްރެޝަރުކުރިއެވެ. އަދި ރާއްޖޭގެ ކެޕްޓަން އިސްމާއީލް ސާޖިދާއި ޢަލީ ހުޒާމާއި ހަސަން ނިލާމް ރަނގަޅު ކުޅުމެއް ނަމަވެސް، މެޗްގެ ސެޓް ގެންދެވޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ސެޓްވެސް ބަންގްލަދޭޝްއިން ގެންދޔައީ 25-19އިންނެވެ.
މެޗްގެ ތިންވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ބައެއް ކުޅުންތެރިންގެ ދަތުރުވަރުބަލިކަމާއި ހަފްތާއެއްހާ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންދެވިފައިނުވާތީ، ރާއްޖޭގެ ޓީމަށް އެންމެ ބޭނުންވިގޮތަށް ކުޅެވޭ ގޮތެއްނުވިއެވެ. ނަމަވެސް މެޗްގެ ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ލިބޭ ގޮތެއް ނުވިއެވެ. ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ބަންގްލަދޭޝް ތިންވަނަ ސެޓް 25-22 އިން ކާމިޔާބުކޮށް، މެޗް ކާމިޔާބުކުރިއެވެ.