ކުޅިވަރު

ހަނިގޮތަކަށް މާޒިޔާއިން އީގަލްސް ބަލިކޮށްފި


ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއިން އެޓީމް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށް، މުބާރާތުގައި ދެވަނަ މޮޅު ހޯދައިފިއެވެ. މިއީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި މާޒިޔާއިން މޮޅުވި ތިންވަނަ މެޗެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުން ޗެރިޓީ ޝީލްޑް މެޗް ކުލަބް ވެލެންސިޔާގެ މައްޗަށް ކުރި ހޯދިއިރު، މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗް ސަސްއާއި ވާދަކޮށްވަނީ ކާމިޔާބުކޮށްފައެވެ. ރޭގައި މާޒިޔާއިން އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުލަބް އީގަލްސްއާއި ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ މާޒިޔާއިންނެވެ. އެގޮތުން އެޓީމަށްވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލީޑް ނެގުމަށް ފުރުސަތު ލިބިފައެވެ. އޭރިޔާގެ ތެރޭގައި މާޒިޔާގެ ފޯވާޑް ހަމްޒާ މުޙައްމަދު އީގަލްސްގެ ގޯލަށް ފޮނުވާލި ބޯޅަވަނީ ކުލަބް އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތާހާ ދިފާޢުކޮށްފައެވެ. އަދި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތުގެވެސް ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ކުލަބް އީގަލްސްއަށް ވެސް ގޯލް ޖެހުމަށް މަދު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. ގޯލެއް ޖެހުމަށް މާޒިޔާއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދުއެވެ. ހަމްޒާގެ މިލަނޑު ދިފާޢުކުރުމަށް ކުލަބް އީގަލްސްގެ ދެ ޑިފެންޑަރުން މަސައްކަތް ކުރިއެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމަށްވެސް ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ދެ ޓީމުން މަސައްކަތް ކުރަމުންދަނިކޮށް ކުލަބް އީގަލްސްގެ ކުޅުންތެރިންނަށް ފަހަތުގައި ހެދުނު ގޯހެއްގެ ފައިދާނަގައި، މާޒިޔާއިން އެޓީމުގެ ލީޑް ފުޅާކުރިއެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާ ހުސެއިން ނިހާނެވެ. މާޒިޔާއިން ދެ ގޯލްގެ ލީޑެއް ނެގުމާއެކު ކުލަބް އީގަލްސްއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗް ނިމެން 5ވަރަކަށް މިނެޓަށް ވެފައިވަނިކޮށް، އީގަލްސްއިންވަނީ ލަނޑެއްޖަހާ މެޗްގައި މާޒިޔާއަށް ލިބިފައިވާ ލީޑް ހަނިކޮށްފައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ އަޒްވާން ޢަބްދުލް އަޒީޒެވެ.