އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ވޭތުވެދިޔަ 10 އަހަރު ތެރޭ ދައުލަތުގެ ބަޖެޓުން 16 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 3 ލައްކަ މީހުންނަށް މިސްކީމްގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ދީފައިވާކަމަށެވެ.
ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ބޭސް ފަރުވާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އާސަންދަ ޚިދުމަތަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ ވޭތުވެ ދިޔަ މާޒީގައި މިޚިދުމަތް އެކި ނަންނަމަށް ބަދަލުވެފައިވީ ނަމަވެސް ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އާސަންދަ ޚިދުމަތުގެ ދަށުން 16 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށެވެ.
މިސްކީމުގެ ދަށުން ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 3 ލައްކަ ރައްޔިތުންގެ ބޭސްފަރުވާ ހަމަޖައްސައިދެވޭކަން މަރިޔަމް ޝަފީގް ފާހަގަކުރެއްވިއެވެ. މިޚަރަދުގެ ބޮޑުބައެއް ހިނގަނީ ބަލިވުމުން ބޭސްކުރުމަށްކަމަށާއި އެގޮތުން އާސަންދައިގެ ޚަރަދުގެ 64 އިންސައްތަ ހޭދަވަނީ މިކަމަށްކަން މަރިޔަމް ޝަފީގް ފާހަގަކުރެއްވިއެވެ. އަދި 31 އިންސައްތަ ޚަރަދަކީ ބަލިވުމުން ދެވޭ ބޭހަށް ކުރާ ހޭދަކަމަށާއި 5 އިންސައްތަ ޚަރަދަކީ ރާއްޖޭގެ އެތެރެއާއި ބޭރަށް ދަތުރުކުރުމަށް ކުރެވިފައިވާ ހޭދަތައް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވިއެވެ.
މިސްކީމް ތަޢާރަފްކުރެވުނު ފަހުން އެތައް ބަދަލުތަކެއް ޚިދުމަތަށް ގެނެވިފައިވާކަން ފާހަގަކުރައްވާ ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އާސަންދައިގެ އިސްރާފު ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާސަންދަ ޚިދުމަތް ހަމަނުޖެހިގެން ފަރުވާ ލަސްވުމުގެ ސަބަބުން ބަލި މީހުންގެ ފުރާނައަށް ނުރައްކާ ވަމުންދިޔަ ދިޔުން ހުއްޓުވާ އާސަންދައިގެ ޚިދުމަތް އަވަސްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އާސަންދަ ޓީމުން ކުރަމުންދާކަމަށް އެމްޑީ މަރިޔަމް ޝަފީގް ވިދާޅުވިއެވެ.
"ހަމައެކަނި އާސަންދައިން މަސައްކަތްކުރިޔަސް މިކަމެއް ޙައްލެއް ނުކުރެވޭނެ. ބަލިވުމުގެ ކުރިން އެކަމަށް ރައްކާތެރިވާން އެބަޖެހޭ. ދުޅަހެޔޮކޮށް ތިބުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން އެބަޖެހޭ. ބޭސްފަރުވާކުރުމުގައި ޚިދުމަތްދޭ ފަރާތާއި ލިބިގަންނަ ފަރާތް ޒިންމާވާންވެސް އެބަޖެހޭ. އަތޮޅުތެރޭގެ ސިއްޙީ ނިޒާމުވެސް ހަރުދަނާ ވާންޖެހޭ، އަދި ޕަބްލިކް ހެލްތުގެ ނިޒާމުވެސް ވަރުގަދަކުރަން އެބަޖެހޭ."އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވިއެވެ.
ދިގު މުއްދަތަކަށް ކަކުލު ހުޅުގެ އޮޕަރޭޝަން ކުރަންޖެހި އަދި ނުކުރެވި ތިބި އެތައް ބަޔަކަށް އެފަރުވާ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާ ދީފައިވާ ކަމަށް އާސަންދައިން ވިދާޅުވެއެވެ. އާސަންދައަށް ހުށެއެޅޭ މައްސަލަތައް ދުވަހުން ދުވަހަށް ނިންމާ އިމަރޖެންސީ ކޭސްތަކަށް 10 ވަރަކަށް މިނިޓު ތެރޭގައި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށާއި މިއީ ވޭތުވެދިޔަ 3 އަހަރު ތެރޭ ކުންފުނިން ޙާސިލުކޮށްފައިވާ ކާމިޔާބީތައްކަމަށް އާސަންދައިން ދެކެއެވެ.
އާސަންދަ ޚިދުމަތަކީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ބޭސްފަރުވާ ފޯރުކޮށްދިނުމަށް 2008 ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ މަދަނަ ސްކީމްގެ ނަމުގައެވެ. އޭގެފަހުން ސަރުކާރުންވަނީ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2012 ވަނަ އަހަރު އާސަންދައިގެ ނަމަށް ސްކީމް ބަދަލުކޮށްފައެވެ.
ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއް ކުރެވުނީ އާސަންދަ ކުންފުނި ހަރުދަނާކުރުމަށް ކަމަށް އާސަންދައިން ވިދާޅުވެއެވެ. އެގޮތުން ދެފުށް ފެންނަ ނިޒާމެއް ކުންފުނީގައި އުފައްދާ ކުންފުނީގެ އަހަރީ ހިސާބުތަކުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ކުންފުނީގެ އޮޑިޓެއް ހިންގަވާ ހުއްޓިފައިވާ ވިނަވި އާސަންދަ ސިސްޓަމްގެ ދަށުން މާލެއާއި އަތޮޅުތެރޭގެ ޚިދުމަތްތައް އެއްވިއުގައަކުންވަނީ ގުޅާލާފައެވެ.