ޚަބަރު

އައު ވޭރިއަންޓް ފެތުރޭތީ ޗުއްޓީގައި ބާއްވާ ހަރަކާތްތައް މަދުކުރޭ: އެޗްޕީއޭ


ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަބަޔަކު އަންނަނީ އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ޢާއިލާއާއި ރައްޓެހިންނާއެކު ދަތުރުކުރަމުންނެވެ. ޚާއްސަކޮށް ޗުއްޓީ ދުވަސްވަރަކީ އަތޮޅުތެރެއާއި މާލޭގައިވެސް ޚިތާނީ ޕާޓީތައް ގިނައިން ބާއްވާ ޢާއިލާތައް އެއްތަންވާ ދުވަސްވަރެކެވެ. އެހެންނަމަވެސް މިދުވަސްވަރު މިފަދަ ޙަރަކާތްތައް މަދުކުރުމަށް ނުވަތަ މިވަގުތަށް ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. ސަބަބަކީ މިދުވަސްވަރު ދުނިޔޭގެ ގިނަ ހިސާބުތަކުގައި ކޯވިޑްގެ ނުރައްކާތެރި ވޭރިއެންޓެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާތީއެވެ. އެހެންކަމުން އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ގިނަ މީހުން އެއްވާ ތަންތަނުގައާއި ޙަފްލާތައް އިންތިޒާމުކުރުމުގައިވެސް ސަމާލުކަން އިތުރުކުރަންޖެހޭކަމަށެވެ. އެގޮތުން މިފަދަ ޙަފްލާތައް ވީހާވެސް ހާމަތަންތަނުގައި މީހުން ބޮނޑިވެގެން ތިބެން ނުޖެހޭނެފަދައިން ބޭއްވުމަށާއި ކާބޯތަކެތި ބޭނުންކުރާ ވަގުތުގައި ނޫނީ ހުރިހާ ވަގުތެއްގައިވެސް ހަފްލާގައި ހުރިހާ މީހުން މާސްކު ބޭނުންކުރުމަށާއި ގައިދުރުކަން އިސްކުރުމަށްވެސްވަނީ އިރުޝާދުދެއްވާފައެވެ. އަދި މިފަދަ ތަންތަނުގައި ސެނިޓައިޒްކުރެވޭނެ އިންތިޒާމު ހަފްލާ އިންތިޒާމު ކުރާ ފަރާތުން ހަމަޖެއްސުމަށްވަނީ އަންގަވާފައެވެ. އަދި ހައި ރިސްކް ކެޓަގަރީތަކުގެ މީހުން މިފަދަ ތަންތަނަށް ނުދިޔުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

މިދުވަސްވަރު ގިނަ ބަޔަކު ދަތުރުކުރަމުން އަންނާތީ ދަތުރުކުރުމުގައިވެސް ސަމާލުވުމަށް އެއެޖެންސީން ބާރު އަޅުއްވައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ޓެސްޓުކޮށް ނަތީޖާ ލިބެންދެން އެކަހެރިވުމަށާއި އެއްވެސް ޢަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވެއްޖެނަމަ ޓެސްޓުކޮށް ނަތީޖާ ލިބި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒް ޖަހަންޖެހޭ ފަރާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަކުރުމަށްފަހު ދަތުރުކުރުމަށްވަނީ އަންގާފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާއިރުވެސް ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރުކުރާ ޤައުމުގެ ކޯވިޑްގެ ޙާލަތާއި ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށްދާ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައާއި ޚާއްސަކޮށް ބަންދު ތަންތަނުގައި އުޅޭއިރު މާސްކު ރަނގަޅަށް އެޅުމަށް ސަމާލުކަންދިނުމަށާއި ގިނަ ގިނައިން އަތްދޮވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ބޭރު ޤައުމެއްގައި ހުރިނަމަވެސް ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޓެސްޓުކުރުމަށާއި ރާއްޖެއައުމަށްފަހު ޢަލާމާތެއް ނެތްނަމަވެސް ވީ އެންމެއަވަހަކަށް ކޯވިޑް ޓެސްޓުކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

މިވަގުތު އެންމެ ނުރައްކާ އެއްވޭރިއެންޓުގެ ގޮތުގައި ޑަބްލިއެޗްއޯއިން ކަނޑައަޅާފައިވާ އޮމިކްރޯން ދިވެހިން އާއްމުކޮށް ދަތުރުކުރާ ޤައުމުތަކުން އަންނަނީ ފެތުރެމުންނެވެ. ރާއްޖެއިންވެސް މިހާތަނަށް މިވޭރިއެންޓުގެ 5 ކޭސް ފެނިފައިވާއިރު މިއީ މުޅިންވެސް އިމްޕޯޓެޑް ކޭސްތައް ކަމަށާއި ދިވެއްސެއްގެ ކިބައިން އަދި ފާހަގަވެފައި ނުވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެހެންނަމަވެސް ކޭސްތައް އިތުރުވަމުންދާ ސަރަޙައްދުތަކުން ސާމްޕަލްތައް ޖީއެން ސީކުއެންސަށް ފޮނުވާފައިވާކަމަށާއި ރާއްޖޭގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެހެންކަމުން މިއީ ބަލީގެ ނާޒުކު ވަގުތެއްކަމަށްވާތީ ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް މާސްކު އެޅުމަށާއި ގައިދުރުކަން ޚިޔާރުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.