ކުޅިވަރު

ރިވައިވަލް ބަލިކޮށް މިކްސް ޗެމްޕިއަންޝިޕްގެ ތަށި ސީއެސް ސްޕޯޓްސްއަށް


އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ބަލިކޮށް ސީއެސް ސްޕޯޓްސް އިން ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފިއެވެ. މިދިޔަ އަހަރު ފެށި މުބާރާތުގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފައިވަނީ ރިވައިވަލްއިންނެވެ. އިންޑޯ ހޯލްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި ސީއެސް ސްޕޯޓްސްއިން މެޗް ކާމިޔާބުކުރީ 4-2 ގޭމުން ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗްގެ ފުރަތަމަ ގޭމްގައި ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި ރިޝްވާން ޝިޔާމްގެ ޕެއާ ބަލިވީ ސީއެސްގެ ހަސަން އަފްޝީން ޝަހީމާއި ހިޝާމް ލަތީފްގެ ޕެއާ އަތުންނެވެ. އަންހެން ޑަބަލްސްގައި ސީއެސްގެ އާމިނަތު ޝަހުރުނާޒާއި ޝިފްނާ ހުސެއިންގެ ޕެއާރ ކާމިޔާބު ހޯދީ ރިވައިވަލްގެ ބުސައިނާ އަހުމަދާއި މިންނާ ރަޝީދުގެ ޕެއަރއާއި ވާދަކޮށްގެންނެވެ. ޓީމް އިވެންޓްގައި ފުރަތަމަ ދެ ގޭމް ސީއެސްއިން ހޯދި ނަމަވެސް ޖެހިގެން އައި ދެ ގޭމް ކާމިޔާބުކޮށްފައިވަނީ ރިވައިވަލްއިންނެވެ. އެއީ މިކްސް ޑަބަލްސްގައި ޒަޔާން އާއި ފާތިމަތު ނަބާހާގެ ޕެއަރއިން ވަނީ ސީއެސްގެ ޢަލީ މުއާޒާއި މައިޝާ ފަތުހުﷲ އިސްމާއިލްގެ ޕެއަރގެ މައްޗަށް ކުރި ހޯދާފައެވެ. ފިރިހެން ޑަބަލްސްގައި ސީއެސްގެ މުއާޒާއި އިބްރާހީމް ހުޝާމްގެ ޕެއާ އަތުން ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި މުޙައްމަދު ސާރިމްގެ ޕެއަރ ވަނީ މޮޅުވެފައެވެ.

ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގެ ތަށި ސީއެސްއިން ކާމިޔާބުކުރީ ޖެހިގެން އައި ދެ ގޭމް ކާމިޔާބުކޮށްގެންނެވެ. އެއީ އަންހެން ޑަބަލްސްގައި ރިވައިވަލްގެ މިންނާ އާއި އައިޝަތު އިބްރާހިމްގެ ޕެއާ އަތުން ސީއެސްގެ ޝަހުރުނާޒާއި ފާތިމަތު އަމާނީގެ ޕެއާ ވަނީ މޮޅުވެފައެވެ. ދެން ކުޅުނު މިކްސް ޑަބަލްސް މެޗުން ސީއެސް މޮޅުވެ، ފައިނަލު ކާމިޔާބުކުރިއެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ވާދަކުރި ރިވައިވަލްގެ ނަޝްފާން އާއި ނަބާހާގެ ޕެއަރއިންވަނީ ސީއެސްގެ ހިޝާމް އާއި މައިސާގެ ޕެއަރ ބަލިކޮށްފައެވެ.