ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް ނޭޕާލް އަތުން ބަލިވެއްޖެއެވެ. މިމެޗުން ރާއްޖޭގެ ފިރިހެން ޓީމް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއީ 27-25، 25-19 އަދި 25-23އިންނެވެ. މިމުބާރާތުގައި މިހާތަނަށް ރާއްޖެއިން 3 މެޗް ކުޅެފައިވާއިރު، 3 މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މިއާއެކު މިމުބާރާތުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ރާއްޖެއަށްވަނީ ގެއްލިފައެވެ.
މިމުބާރާތުގައި ރާއްޖެއަށް މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދެއްކިފައިވަނީ ނޭޕާލާއެކު ވާދަކުރިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިސެޓްގައި އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ލިބިފައެއް ނުވެއެވެ. އަދި ފުރަތަމަ ސެޓްގެ ފަހުކޮޅުގައި ދެ ޓީމަށްވެސް ލީޑް ލިބި އެއްވެސް ޓީމަށް ލީޑް ހިފެއްހެއްޓޭ ގޮތެއް ނުވިއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު އެހެން މެޗްތަކެކޭ އެއްގޮތަށް މިމެޗްގައިވެސް ރެފްރީގެ ބައެއް ނިންމުނަށްތައް ގޮސްފައިވަނީ ރާއްޖެއާއި އިދިކޮޅަށެވެ. ސެޓްގެ ފަހުކޮޅުގައި ރާއްޖެއިން ރަގަނޅަށް ކުޅެމުންދިޔަ ދެ ވަގުތުގައިވެސް ނޭޕާލުންވަނީ ޓައިމް އައުޓެއް ނަގާ، ރާއްޖޭގެ ކުޅެމުންދިޔަ ފޯރިއަށް ބަދަލް ގެނެސްފައެވެ. އޭގެ ފައިދާ ނަގައި ނޭޕާލުން މެޗްގެ ފުރަތަމަ ސެޓް 27-25އިން ކާމިޔާބުކުރިއެވެ.
މެޗްގެ ދެވަނަ ސެޓްގައިވެސް ރާއްޖެއިން ދިޔައީ އެޓީމަށް ލިބޭ ފުރުސަތުގެ ބޭނުން ވަރަށް ރަގަނޅަށް ހިފަމުންނެވެ. ނަމަވެސް ނޭޕާލްއިން އެޓީމްގެ ކުޅުން ވަރަށް ބޮޑަށް ރަގަނޅުކޮށް، ދެވަނަ ސެޓްގެ ފަހު ކޮޅުގައި ނޭޕާލުން ލީޑް ނެގިއެވެ. ނޭޕާލުން ފަހު ކޮޅުގައި ލީޑް ނެގުމާއެކު ރާއްޖެއަށް ފަހަތުން އަރާ އެއްވަރު ކުރުމަށްވެސް ގިނަ އުދަގޫތަކާއި ކުރިމަތިވިއެވެ. ނަމަވެސް ރާއްޖޭގެ ކެޕްޓަން އިސްމާއީލް ސާޖިދާއި ޢަލީ ހުޒާމްވަނީ ރަގަނޅު ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ނޭޕާލުން ލީޑުގައި އޮވެގެން ކުޅެމުންގޮސް 25-19އިން މެޗްގެ ދެވަނަ ސެޓް ކާމިޔާބުކުރިއެވެ.
މެޗްގެ ފަހު ސެޓް އަދި ތިންވަނަ ސެޓްގައިވެސް ފެނިގެންދިޔައީ ދެ ޓީމްގެ ވާދަވެރިކަމެވެ. މިސެޓްގައިވެސް ރާއްޖެއިން ވަރަށް ރަގަނޅު އެޓޭކްތަކެއް ކާމިޔާބުކުރިއެވެ. ނަމަވެސް ސެޓްގެ ފަހުކޮޅުގައި ރެފްރީންގެ ބައެއް ނިންމުންތައް ރާއްޖެއާއި ދެކޮޅަށް ދިއުމާއެކު، ރާއްޖޭގެ ކުޅުމަށް ވަރަށް ބޮޑު ބަދަލްތަކެއް އައެވެ. އަދި އޭގެ ފައިދާ ނަގާ ނޭޕާލުން މެޗްގެ ފަހު ސެޓް 23-25 އިން ކާމިޔާބުކުރިއެވެ.
މެޗަށްފަހު ގައުމީ ކޯޗް މުހައްމަދު ސާޖިދު ބުނީ ކޮންމެ ސެޓެއްގައިވެސް ރާއްޖެއިން ވަރަށް ރަގަނޅަށް ކުޅުނުކަމަށާއި ނަމަވެސް ކޮންމެ ސެޓެއްގައިވެސް ރާއްޖެއަށް ފަހުކޮޅުގައި ހެދުނު މިސްޓޭކްތަކެއްގެ ސަބަބުން ރާއްޖެއަށް ސެޓް ގެއްލެނީކަމަށެވެ. އަދި މުބާރާތަށް ނެގި ޓީމްގެ ބަދަލްގައި، އެހެން ޓީމެއް ގޮވައިގެން މުބާރާތް ކުޅެން ޖެހުމުން ގިނަ އުނދަގޫތަކެއް ކުރިމަތިވިކަމަށްވެސް ސާޖިދު ބުންޏެވެ.
ރާއްޖެއިން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ރިހި މެޑަލް ހޯދީ ނޭޕާލް 3-1 ސެޓުން ބަލިކޮށްފަ އެވެ. އޭގެ ޖެހިގެން އައި އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލުން ވަނީ 3-1 ސެޓުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ. އެކަމަކު، އެންމެ ފަހުން 2019 ވަނަ އަހަރު ނޭޕާލުގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއިން ވަނީ ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށްފައެވެ.