ޚަބަރު

ރެހެންދި ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަނެއް ނެތް- އޭސީސީ


އަމީނީމަގުގައި އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓް 2 ން ސަރުކާރަށް ލިބިފައިވާ ފްލެޓްތައް، ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ދެއްވުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނުވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިހެން ވިދާޅުވީ، އެފް.ޑަބްލިއު ރެސިޑެންސް-ރެހެންދި ފްލެޓް 2 ން ސަރުކާރަށް ދޫކޮށްފައިވާ ފްލެޓްތައް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅުނު ޝަކުވާގެ މައްސަލައެއް ތަހްޤީޤު ކުރެއްވުމަށްފަހުއެވެ. މިމައްސަލަ ތަހްޤީޤު ކުރެއްވުމަށްފަހު އޭސީސީން ވިދާޅުވީ ރެހެންދި ފްލެޓް އިމާރާތްކުރިއިރު ވެފައިވާ އެއްބަސްވުމުގެ ދަށުން، ރެހެންދި ފްލެޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ 30 އިންސައްތައަކީ ސަރުކާރުން ކަނޑައަޅާ ފަރާތްތަކަކަށް ވިއްކުމަށް ދޫކުރެވޭ ހައުސިންގ ޔުނިޓްތަކެއްކަމަށެވެ. މިގޮތުން ސަރުކާރަށް ލިބުނު ފްލެޓްތައް ވިއްކަވާނޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލައްވާފައިވާ އުސޫލެއްގެ ދަށުންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ފްލެޓްތައް ގަތުމުގެ ފުރުޞަތު ދެއްވާފައިވަނީ އެމީހެއްގެ ނަމުގައި މާލޭގައި އެއްވެސް ބިމެއް ނެތް އަދި އާއިލާގެ ފަރާތުންވެސް މާލޭގައި ބިމެއް ލިބުމުގެ ފުރުޞަތު ތަނަވަސްވެފައިނުވާ މީހުންނަށެވެ.  މިއުސޫލުގެ ދަށުން ރެހެންދި ފްލެޓްއިން ސަރުކާރަށް ލިބުނު ފްލެޓްތައް ގަތުމުގެ ފުރުޞަތު ދެއްވާފައިވަނީ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންނާއި، 4 މިނިވަން މުއައްސަސާއެއްގެ އިސްވެރިންނަށްކަމަށް އޭސީސީން ވިދާޅުވެއެވެ.މިފަރާތްތަކަށް ފްލެޓް ގަތުމުގެ ފުރުޞަތު ދީފައިވަނީ އެފަރާތްތަކުން އަމިއްލައަށް ފްލެޓަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާގޮތަށްކަމަށްވެސް އޭސީސީން ވިދާޅުވެއެވެ. މިގޮތުން ފްލެޓެއް ވިއްކާފައިވަނީ އެއްމިލިއަން ހަ ލައްކަ ރުފިޔާއަށް ކަމަށާއި، މިއީ ސަރުކާރަށް މިފްލެޓްތައް ލިބުނު އަގަށްވުރެ ބޮޑު އަގަކަށްވުމުން، މިއީ ދައުލަތަށް ފައިދާވާ ގޮތަށް ކޮށްފައިވާކަމެއްކަމަށް އޭސީސީން ވިދާޅުވެއެވެ. އެހެންކަމުން މިކަމުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބުނާފަދަ ކޮރަަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ފާހަގަނުކުރެވޭކަމަށް އޭސީސީން ވިދާޅުވެއެވެ. ނަމަވެސް މިފްލެޓްތައް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ބުނެ ތުހުމަތުތަކެއް ކުރެވިފައިވަނީ އެކަމުގައި އަމަލުކުރައްވާފައިވާ ގޮތް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ޙިއްސާކޮށްފައިވާނުވާތީކަން އޭސީސީން ފާހަގަކުރައްވައެވެ. އެހެންކަމުން ކުރިއަށް އޮތްތާނގައި މިފަދަ ކަންތައްތަކުގައި ސަރުކާރުން އަމަލުކުރުމަށް ނިންމަވާ އުސޫލުތައް ވީހާވެސް ތަފްސީލްކޮށް ރައްޔިތުންނަށް ހާމަކުރުމަށް އޭސީސީން އެދިވަޑައިގެންނަވައެވެ.