ކުޅިވަރު

މޮރިޝަސްއާއި ދެކޮޅަށް ނޭޕާލުން މެޗްތަކެއް ކުޅެނީ


ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ދެ މެޗް މޮރިޝަސްއާއި ދެކޮޅަށް ކުޅުމަށް ނިންމައިފިއެވެ. މި މެޗްތައް ކުޅުމަށް ނިންމާފައިވައިވަނީ އަންނަ މަހުގެ ތެރޭގައެވެ. އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 29 އާއި ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ކަމަށެވެ. މި ދެ މެޗަކީވެސް ފީފާގެ ތާރީޚުގައި ކުޅޭ ދެ މެޗެވެ.

އެގައުމުގެ ދަސްރަތު ސްޓޭޑިއަމްގައި މިދެ މެޗް ކުޅުމަށް ނިންމާފައިވާއިރު، މާލޭގައި ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގެ ކުރިން ނޭޕާލުން ވަނީ ދަސްރަތު ސްޓޭޑިއަމްގައި މިސަރައްހަދުގެ ވަރުގަދަ ބާރު އިންޑިޔާއާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. ފުރަތަމަ މެޗް އެއްވަރު ވީއިރުގައި ދެވަނަ މެޗުން އިންޑިޔާ ވަނީ މޮޅުވެފައެވެ. ނޭޕާލުން އަންނަނީ އަންނަ މަހުގައި ރާއްޖެއާއެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސްވަރާ ކުރަމުންނެވެ. އެފްއޭއިން ބުނީ މިމެޗް ކުޅުމަށް އެފްއޭއެމުން ބޭނުންވަނީ މާލޭގައެވެ. ނަމަވެސް ނެޕާލުން ބޭނުންވަނީ އެގައުމުގައި މިމެޗް ކުޅުމަށެވެ.

މިދިޔަ އޮކްޓޯބަރ މަހު މާލޭގައި ބޭއްވި ސާފް ޗެންޕިއަންޝިޕްގައި ނޭޕާލުންވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. އެގައުމުންވަނީ ފުރަތަމަ ފަހަރަށް ސާފް ޗެންޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށްފައެވެ. ފައިނަލްގައި ނޭޕާލް ބަލިވެފައިވަނީ ސާފް ޗެންޕިއަންޝިޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމް އިންޑިޔާ އަތުންނެވެ.