އާއަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި 2021"ގެ ތެރެއިން މިހާތަނަށް 88 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ފެށި މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ހުއްޓުވާ ފުލުހުންވަނީ ސުވާލުކޮށްފައެވެ.
އާއަހަރާ ދިމާކޮށް ގްރޭޓަރ މާލެ ސަރަޙައްދުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުންގެ ޢާއްމު ޕޮލިސިންގ ވަނީ ވަރުގަދަކޮށްފައެވެ. މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން "ރިވެލި 2021"ގައި ފުލުހުން އަންނަނީ އެއްގަމާއި ކަނޑުމަގުންވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ މިއޮޕަރޭޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ޕޮލިސް ސްޓޭޝަން ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު ވިދާޅުވީ ވޭތުވެދިޔަ އެއް ހަފްތާ ތެރޭގައި ފުލުހުންގެ އޮޕަރޭޝަނުގައި 2260 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވާކަމަށެވެ. އަދި 3516 ވެހިކަލެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން 88 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން ހުއްޓުވާ ސުވާލުކުރި މީހުންގެ ތެރެއިން 62 މީހެއްގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވިދާޅުވެއެވެ. ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވައިގެން 7 މީހަކު ހުއްޓުވާފައިވާއިރު 84 ވެހިކަލްވަނީ ޓޯކޮށްފައެވެ. ކޯވިޑް-19 ފެތުރެމުންދާތީއާއެކު ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން މާސްކު ނާޅާ މަގުމަތީ އުޅުނު 165 މީހަކަށް ނަސޭޙަތް ދީފައިވާއިރު 119 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއާ ދިމާކޮށް ދަތުރުކުރަމުންދާ ދުވަސްވަރަކަށްވާތީ ފުލުހުންވަނީ ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ދަތުރަށް ފުރާއިރު ގޮތް ނޭނގޭ މީހުންދޭ އެއްޗެތީގައި ނުހިފުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ހިންގާ އޮޕަރޭޝަނުގައި ކަނޑުމަތީގެ އުޅަނދުތަކުގައި ސަލާމަތީ ކަންކަމަށް އަދިވެސް ފަރުވާ ކުޑަކަން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސްވަނީ ފާހަގަކުރައްވާފައެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމާއި ސަލާމަތީ ފިޔަވަޅުތައް އުޅަނދުގައި ނެތުމާއި އަރާމެއް ނެތި ކެޕްޓަނުން ލައްވާ އުޅަނދު ދުއްވުމާއި މޯބައިލް ފޯނާއި ކުޅެމުން އުޅަނދުތައް ދުއްވާކަން ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުންގެ މިނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސްޓޭޝަން ހެޑް ޢަބްދުލް މަތީން ޢަބްދުލް ކަރީމް ވިދާޅުވީ ކުރިއަށް އޮތް އައު އަހަރާއި ދިމާކޮށް ހުޅުމާލޭގައި ބާއްވާ ޝޯއަށް ހުޅުމާލޭގެ ސެކިއުރިޓީ ފުލުހުން ވަރުގަދަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަގުމަތީގައި އުޅުމުގައި ޢާއްމު އިޖުތިމާޢީ ރައްކާތެރިކަމުގެ މިންގަނޑަށް ބެލުމަށް ޢަބްދުލް މަތީން ޢަބްދުލް ކަރީމް ވަނީ އިލްތިމާސްކުރައްވާފައެވެ.
އައު އަހަރާއި ދިމާކޮށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަން އައު އަހަރު ފެށުމަށްފަހުވެސް ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔުމަށް ފުލުހުންވަނީ ނިންމާފައެވެ. އެހެންކަމުން މިދުވަސްވަރު ދަންވަރު ބޭރުގައި ކަމެއްނެތި އުޅޭ ފަރާތްތަކާއި މީހުންނަށް އުނދަގޫވާ ގޮތަށް ގްރޫޕް ހަދައިގެން އުޅޭ ފަރާތްތަކާއި ސުވާލުކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.