ޚަބަރު

ސަލީމުގެ ބައިގަރުނަށްވުރެ ގިނަ ދުވަހުގެ އަގުއަދާ ނުކުރެވޭނެ ޚިދުމަތް


ދައުލަތަށް ޚިދުމަތްކުރުމުގެ ފުރުސަތަކީ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ޝަރަފެކެވެ. މިޝަރަފާއެކު ޤައުމުގެ ތަރައްޤީއަށް ގިނަ ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކުރެއްވުމުގެ ފުރުސަތު ލިބި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލު ކުރެއްވުމުގެ ފުރުސަތު ލިބެނީ މަދު ބަޔަކަށެވެ. އެފަދަ އެއް ބޭފުޅަކީ ބައިގަރުނަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި އަޙްމަދު ސަލީމްއެވެ. އެމަނިކުފާނު މިހާރު ފުރުއްވަމުންގެންދަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސަޑަރ އެޓް ލާރޖްގެ މަޤާމެވެ.

ޤައުމީ ޚިދުމަތާއި 1968 ވަނަ އަހަރުގެ ޖުލައިމަހު ފުރަތަމަވެސް ގުޅިވަޑައިގަތީ ރާއްޖޭގެ ޚާރިޖީ ވުޒާރާ ކަމަށްވާ ފޮރިންގ މިނިސްޓްރީއާއެވެ. ދުނިޔޭގެ ޚާރިޖީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ޝައުގުވެރިކުރުވި ކަމަކީ އެންމެ ފުރަތަމަ އަދާ ކުރައްވަން ޖެހިވަޑައިގެންނެވި ޒިންމާއެވެ. ޔޫއެން ޑިވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދެވިއިރު ކުރައްވަން ޖެހިވަޑައިގަތް މަސައްކަތަކީ ރަސްމީ ކޮންމެ ދުވަހެއްގެވެސް މުޅި ދުނިޔޭގެ ޚަބަރުތައް ރޭޑިއޯ މެދުވެރިކޮށް އަޑުއައްސަވާ ޚަބަރު ޓައިޕްކުރައްވާ އޭރުގެ މިނިސްޓަރ އަޙްމަދު ޒަކީއަށް އެރުއްވުމެވެ.

ޓީވީއެމްގެ ހޭޔަންބޯގެ މިހަފްތާގެ ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ސަލީމްވަނީ ރާއްޖޭގެ ޚާރިޖިއްޔާއާއި ގުޅިވަޑައިގަނެ ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކޮންމެ މީހަކަށް ލިބޭ ފުރުސަތުތަކެއް ނޫންނަމަވެސް އެކަމަށް ވަރަށް ބޮޑަށް ޝައުގު ހުރެގެން މަސައްކަތްކުރާ ފަރާތްތަކަށް މިއަދު ފުރުސަތުތައް ފަހިވަމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.

"ޚާއްސަ ޝައުގެއް ހުރެގެން އެދާއިރާއަށް ވަންނަން މަސައްކަތްކޮށްގެން ވަދެވޭނީ. މިނިސްޓްރީއަކީވެސް ވަރަށް ޚާއްސަ ދާއިރާއެއް. އެއީ ހަގީގަތުގައި ރާއްޖޭގެ ފަސްޓް ލައިން އޮފް ޑިފެންސް. އަސްކަރީގޮތުން ކުރާ ގޮތެއްނޫން. އެހެން ގޮތްގޮތުން ރާއްޖޭ ދިފާޢުކުރުމުގެ ފުރަތަމަ ރޯލް އަދާކުރާނީ ފޮރިންގ މިނިސްޓްރީން."އަޙްމަދު ސަލީމް ވިދާޅުވިއެވެ.

އަޙްމަދު ސަލީމްވަނީ ރާއްޖެއިން އދ.ގެ މެމްބަރު ޤައުމަކަށް ވީތާ 3 އަހަރުފަހުން ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގެންނެވިއިރުގެ ވާހަކަފުޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އޭރު ކުދި ޖަރީޒާ ޤައުމުތަކަށް އޮތް ހަނި ފުރުސަތު ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް މިއަދު އދ.ގެ ތެރެއިން ލިބިފައިވާ ރިކޮގްނިޝަން ނުވަތަ ބަލައިގެންފައިވާ ބަލައިގަތުން ޙާސިލުކުރުމަށް ވަކާލާތު އެންމެ ފުރަތަމަ ކުރި ކުޑަ ދެޤައުމުގެ ތެރެއިން އެއް ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. ބައިނަލްއަޤުވާމީ މައިދާނުގައި މިއަދު މިދެކޭ ރާއްޖެއަށް ވާޞިލުވުމަށް ކުރެވުނު މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އަޙްމަދު ސަލީމް ޤަބޫލުފުޅުކުރައްވަނީ ޝުކުރުވެރި ކަމާއެކުއެވެ.

އަޙްމަދު ސަލީމްގެ ޚިދުމަތް ރާއްޖެއަށް ލިބުނު ހަމައެކަނި ދާއިރާއަކީ ޚާރިޖީ ދާއިރާއެއް ނޫނެވެ. އޭގެއިތުރަށް އެމަނިކުފާނަކީ އިންސާނީ ޙައްގުތަކަށްޓަކާ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިކޮށްލި އެއް ޙާދިސާކަމަށްވާ 2003 ވަނަ އަހަރު ޖަލުގައި ހިނގާދިޔަ ޙާދިސާގައި ދިވެއްސަކު މަރާލާ ހިންގި ޢަމަލުތަކާ ދެކޮޅަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ މޭސްތިރިއަކަށް ހުންނެވީވެސް އަޙްމަދު ސަލީމްއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރާއެކު އުފެއްދެވި މިނިވަން މުވައްސަސާއެއްކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސްއަކީވެސް އަޙްމަދު ސަލީމެވެ.

އަޑު: އެއީ ވަރަށް ޗެލެންޖިން ދުވަސްވަރެއް. އެދުވަސްވަރު އެޗްއާރްސީއެމްގެ ބޭފުޅުންގެ ވަރަށް ބޮޑު ދައުރެއް އޮތް ރާއްޖެ ކުރީގެ އޮތްގޮތާއި ފަހުގެ ޑިމޮކްރަސީއަށް ބަދަލުވެގެން އައުމުގަ. މުހިއްމު އަދި ބިރުވެރި ރޯލެއް އެއީ."އަޙްމަދު ސަލީމް ވިދާޅުވިއެވެ.

މިކޮމިޝަނުގައި ކުރެއްވި އެންމެ ޚާއްސަ އެއް މަސައްކަތަކީ ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ނިޒާމެއްތޯ ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކޮމިޝަނުން ކުރެއްވި މަސައްކަތުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"އެންމެ އުފާވީ ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް، ބަރުލަމާނީތޯ ނުވަތަ ރިޔާސީތޯ ބެލުމަށް ނެގި ވޯޓު އެޗްއާރްސީއެމުން މޮނީޓަރކުރި. އަޅުގަނޑުމެން ބެލިބެލުމުން ގާތްގަނޑަކަށް 80 އިންސައްތަ ޔަގީންވީ ރިޔާސީކަމަށް އޮންނަންޖެހެނީ. އޭރު ޕާޓީ ސިސްޓަމް ތެރޭ ވަރަށް ބޮޑަށް ތަޅާފޮޅުން އަދި އަރާރުންވި ވަކި ގޮތެއް ނުނިމިގެން."އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ދައުލަތަށް 53 އަހަރު ޚިދުމަތް ކުރައްވާފައިވާއިރު 1968 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 28 ވަޒީފާއެއްވަނީ ފުރުއްވާފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް މަޤާމަކީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ އެއް މަޤާމުކަމުގައިވާ ސާކްގެ ސެކެޓްރީގެ މަޤާމެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އަޑު އިއްވާލުމުގައި ވަރަށް ގާތުން މަސައްކަތްކޮށްދެއްވާ އަދިވެސް ޚިދުމަތުގައި ދެމިހުންނެވުމާއެކު އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާ ދައުލަތުންވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިއަހަރު ދެއްވާފައެވެ.