ޚަބަރު

ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރާ ޖޫނިއަރ ކޮލެޖް ހއ.ދިއްދޫގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މިމަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކެވެ.

ދިއްދޫގައި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައެއްގައެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނާއި ލިފްޓްވެސް ހުންނާނެއެވެ.

ހއ.ދިއްދޫގައި އިމާރާތްކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ފިޝަރީޒް ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޖޫނިއަރ ކޮލެޖްތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި، އެކި ދާއިރާތަކުގެ މާހިރުންގެ އެހީތެރިކަން ލިބިގެން ފަންނުތައް ކުރިއެރުވުންވެސް މިކޮލެޖްތައް ޤާޢިމް ކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ފަންނީ އަދި ހުނަރުވެރިކަމުގެ ދާއިރާތަކުން ޚާއްސަ މަރުކަޒުތައް ގާއިމުކުރުމަށް އެހީވެދިނުމާއި ރާއްޖޭގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތައް އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގެ ޚާއްސަ ސިފަތަކަށް ރިއާޔަތްކޮށްގެން، މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމް ބައްޓަންކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކުރުންވެސް ހިމެނެއެވެ. އަދި ފެންވަރު ރަނގަޅު ސްޓޫޑަންޓް އެކަމަޑޭޝަންގެ ޚިދުމަތްތައް އެކި އަތޮޅުތަކުގައި ގާއިމުކުރުމާއެކު ސަރަޙައްދުގެ އެހެން ރަށަރަށުން މިމަރުކަޒުތަކަށް ދަރިވަރުން އައިސް ފަސޭހަކަމާއިއެކު ކިޔެވުމުގެ ފުރުސަތު ހޯދުންވެސް މަރުކަޒްތައް ޤާއިމްކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖޫނިއަރ ކޮލެޖް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން، ޖޫނިއަރ ކޮލެޖެއް އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީންވަނީ އިޢުލާންކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވާ ގޮތުން މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ 9 ޖަނަވަރީ 2022 އިން 27 ޖަނަވަރީ 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/125,000ރ (އެއްލަކަ ފަންސަވީސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 30 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ޕްރޮޖެކްޓާ ގުޅުންހުރި ކުރެހުންތަކާއި ތަފްސީލީ ލިޔުންތަކުގެ ސޮފްޓްކޮޕީ 10 ޖަނަވަރީ 2022އިން ފެށިގެން ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.