ކޯވިޑް-19

މާލޭ ސަރަޙައްދުގައި ކޯވިޑް ސާމްޕަލް ނެގޭނެ އިންތިޒާމް ތާޖުއްދީން ސްކޫލުގައި ހަމަޖައްސައިފި


ގްރޭޓަރ މާލޭ ސަރަޙައްދުގައި ކޯވިޑް ސާމްޕަލް ނެގޭނެ އިންތިޒާމް ތާޖުއްދީން ސްކޫލުގައި ހަމަޖައްސައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސޯޝަލް ސެންޓަރުގައި ކުރަމުންދިޔަ ޕީ.ސީ.އާރް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ތާޖުއްދީން ސްކޫލުގެ އިތުރުން ކުރީގެ އެފް.އޭ.އެމް ބިލްޑިންގގައިވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް މިހާރު ވަނީ ހަދާފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އިތުރުވާން ފަށާފައިވާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަލިފެތުރޭ މިންވަރުވެސް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. މިއާއެކު ކޯވިޑް-19 ޓެސްޓުކުރެވޭނެ ސާމްޕަލް ކަލެކްޝަންތައް މާލޭ ސަރަޙައްދުގައި އިތުރުކޮށް، ސާމްޕަލް ނެގޭނެ ގަޑިތައް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ތާޖުއްދީން ސްކޫލުން ކޮންމެ ހޮނިހިރަކުން ފެށިގެން ބުދަ ދުވަހަކާ ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަކަށް ސާމްޕަލް ނެގޭނެއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި ތާޖުއްދީން ސްކޫލުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ހަމައަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ތާޖުއްދީނުން ސާމްޕަލް ނެގޭނެއެވެ.

އެފް.އޭ.އެމް ބިލްޑިންގގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުން ހަފްތާގެ ކޮންމެ ދުވަހަކުވެސް މެންދުރު 2:00 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ސާމްޕަލް ނެގޭނެއެވެ. މީގެއިތުރުން ވިލިމާލޭގައި ސާމްޕަލް ނެގުން ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭ ސަރަހައްދުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް މިހާރު ހުރީ 11 އިންސައްތައިގައެވެ. ގްރޭޓަރ މާލޭ ސަރަހައްދުގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން، މާލޭ ސަރަހައްދުގެ ފްލޫ ކްލިނިކްތަކުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް އެޗް.ޕީ.އޭއިން ވަނީ ގެންނަވާފައެވެ.

މިހާރު ސެނަހިޔާ ފްލޫ ކްލިނިކަށް ކޮންމެ ހޮނިހިރަކުން ފެށިގެން ބުރާސްފަތި ދުވަހަކަށް ހެނދުނު 10 އިން ރޭގަނޑު 10 އަކަށް ޚިދުމަތް ލިބޭނެކަމަށާއި، ހުކުރު ދުވަސްތަކުގައި މެންދުރު 2 އިން ރޭގަނޑު 10 އަކަށް ޚިދުމަތް ލިބޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 3:30 އަށް ޚިދުމަތް ލިބޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.