ކޯވިޑުން ދިފާއުވުމާ ޖަހާ ވެކްސިން، މިހާތަނަށް 32000އަށްވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފިއެވެ. މިއާއެކު %90.1 ދަރިވަރުން މިވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގައި 218 ސްކޫލަކުން މިހާތަނަށް 32،358 ކުދިން ވަނީ ދެ ޑޯޒާއެކު ވެކްސިން ދީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ވެކްސިން ޖެހި 21133 ދަރިވަރުންނާއި މާލޭގެ ސްކޫޅްތަކުން ވެކްސިން ޖެހި 11225 ދަރިވަރުންނެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވާފައިވާ ތަފާސްހިސާބަށްބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް 36،029 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. އެއީ މަލޭގެ ސްކޫލްތަކުން 12923 ދަރިވަރުންނާއި އަތޮޅުތަކުގެ ސްކޫލްތަކުން 23106 ދަރިވަރުންނެވެ.
ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ.
އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ދަރިވަރުންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ވެކްސިން ދެމުންގެންދާނީ އެކުއްޖަކު ކިޔެވި ސްކޫލުންނެވެ.
ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުންނަތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.
ސްކޫލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލަށް ވަދެނިކުމެ އުޅޭ އެންމެނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގާފައިވާއިރު ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ސްކޫލަށް ނުވަދެވޭ ގޮތްވަނީ ހަދާފައެވެ.
ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15ވަނަ ދުވަހުގައެވެ.