ޚަބަރު

ހުޅުމާލެ ކޯވިޑް ފެސިލިޓީ މިނިސްޓްރީއާ ޙަވާލުކޮށްފި


ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ މިނިސްޓްރީ އޮފް ހެލްތާ ޙަވާލުކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގައި ހަދާ ފެސިލިޓީއަކީ ކޯވިޑްއަށް ޚާއްސަކޮށްގެން ހަދާ ފެސިލިޓީއެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑަށް ފަރުވާ ދިނުމަށް ދާއިމީ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތުގެ ސްޓްރަކްޗަރ ބަދަލުކޮށް ހެލްތު މިނިސްޓްރީއާ މިހާރު ޙަވާލުކޮށްފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެގޮތުން ހެލްތު މިނިސްޓްރީއިން އެދިފައިވާ ހުރިހާ ކަމެއް ފުރިހަމަކޮށް މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު މިނިސްޓްރީއާއި ޙަވާލުކޮށްފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން ވިދާޅުވީ ޢިމާރާތް މިނިސްޓްރީއާއި ޙަވާލުކުރިފަހުން އެތަން ހިންގުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ހޮސްޕިޓަލުން އިތުރު ބައެއް ކަންކަން ފުރިހަމަކޮށްދިނުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މިމަސައްކަތްތައް ކަމަށާއި މިމަސައްކަތްތައް މިއަހަރުގެ މާޗްމަހު ނިންމާލެވޭނެކަމަށް އެޗްޑީސީން ލަފާ ކުރައްވައެވެ.

ހުޅުމާލޭ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު ބައްޔަށް ފައްސިވާ މީހުންގެ ތެރެއިން ފަރުވާދޭންޖެހޭ މީހުން އެޑްމިޓްކުރުމަށް ހުޅުމާލޭގައިވަނީ ވަގުތީ ގޮތުން ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. 290 އެނދުގެ މިފެސިލިޓީގައި އައިސީޔޫއަކާއި ހޮސްޕިޓަލް އޭރިއާއަކާއި މީހުން އައިސޮލޭޓް ކުރެވޭނެ ސަރަޙައްދެއްވަނީ ޤާއިމުކޮށްފައެވެ. އެހެންނަމަވެސް ކޭސްތައް އިތުރުވެ، ފަހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އެއްބައިވެސް ކޯވިޑަށް ޚާއްސަކޮށްފައެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި 120 އެނދުވަނީ ކޯވިޑަށް ޚާއްސަކޮށްފައެވެ.