ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ކުރި ހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން މިމުބާރާތުގެ ލީގް ބުރުގެ 4ވަނައަށް ޖެހިލައިފިއެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުޅުނު މެޗް ސަސްއިން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗާއެކު މިހާރު މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް އޮތީ ބާކީ އެންމެ މެޗްއެކެވެ. މިވަގުތު ލީގް ތާވަލުގެ އެއްވަނާގައި އޮތީ ކުލަބް ވެލެންސިޔާއެވެ. އެއީ 16 ޕޮއިންޓްއާއެކުއެވެ. ދެވަނަގާއިވާ ގްރީން ސްޓްރީޓްސް އާއި މާޒިޔާއަށް 15 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނަ ގްރީންއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މިމެޗުން ލިބުނު 3 ޕޮއިންޓްއާއެކު ސަސް ތާވަލްގެ 4ވަނާގައި އޮތީ 9 ޕޮއިންޓާއެކުއެވެ. ރޭގެ މެޗް ފެށިގެން 5ވަނަ މިނެޓުގައި ސަސްއަށް ގޯލެއް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަޙްމަދު ނަޝާހު (ނައްޓު) ފޮނުވާލި ބާރު ބޯޅަ ބޭރުވީ ގޯލުގެ ދެ ދަނޑި ކައިރިންނެވެ. މެޗްގައި ގޯލް ޖެހުމަށް ޔޫވީއަށްވެސް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑް ވިކްޓްރީގެ ޔަސްފާދު ހަބީބު(މުލަކޭ)އަށް އޭރިއާގެ ތެރެއިން ފައުލުކުރިކަމަށް ބުނެ، ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް ރެފްރީ އާދަމް ފަޒީލް ނިންމީ ޕެނަލްޓީ ނުދޭށެވެ. މެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއިންވަނީ ގޯލެއް ޖަހާ ލީޑް ނަގާފައެވެ. ފުރަތަމަ ހާފްގެ ފަހު މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަހާއުއެވެ.
މެޗްގެ ދެވަނަ ހާފް ފެށިގެން 4ވަނަ މިނެޓްގައި ސަސްއަށް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތް ނުވިއިރު، މެޗްގެ 53ވަނަ މިނެޓްގައި ޔޫވީގެ ޢަލީ ޙަމްދާން ގޯލާ ދިމާއަށް ފޮނުވާލި ބޯޅަވަނީ ސަސްގެ ކީޕަރު ޝާފީއު މަތަކޮށްފައެވެ. މެޗުގެ 57ވަނަ މިނެޓްގައި ސަސްއިންވަނީ އިތުރު ގޯލެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ޢަބްދުﷲ ހަނީފް (ބެންޖޯ)އެވެ.
މެޗުގައި ސަސްގެ 3ވަނަ ލަނޑު ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ޔަސްފާދު ހަބީބަށެވެ. ޔަސްފާދު ފޮނުވާލި ބޯޅަވަނީ ޔޫވީގެ ކީޕަރު ދިފާޢުކޮށްފައެވެ. ޕްރެޒިޑެންޓްސް ކަޕްގައި ދެން ކުޅޭނީ ލީގް ބުރުގެ އެންމެފަހު މެޗްތަކެވެ.