ޚަބަރު

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި


ދިވެހި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ އިގިރޭސިވިލާތުގެ ގައިޑް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ އޮންލައިންކޮށް ކުރިއަށްގެންދާ މިޕްރޮގްރާމަކީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްކަމަށެވެ. އިގިރޭސިވިލާތުގެ ގައިޑް އެޑިއުކޭޝަނުން ފަރުމާކޮށްފައިވާ މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގައިޑް އެޑިއުކޭޝަންގެ ތަޖުރިބާކާރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް ބޭނުންވާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޯސްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވަނީ ޕްރޮފެޝަނަލް ތަމްރީނުތައް މަދުވުމަކީ ރާއްޖޭގެ މުދައްރިސުންގެ ހުރި ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ މީއީ ދިވެހި ޕްރިންސިޕަލުންނަށް ލިބޭ މުހިއްމު ފުރުސަތެއްކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ މިޕްރޮގްރާމްގެ ތެރެއިން މުދައްރިސުންނަށް އެންމެ ބޮޑަށް ތަމްރީނު ބޭނުންވާ ދާއިރާތައް އިޚްތިޔާރުކުރުމުގެ ފުރުސަތު އޮތްކަންވެސް ފާހަގަކުރައްވާފއެވެ. މީގެ އިތުރުން މިފަދަ ތަމްރީން ޕްރޮގްރާމްތައް ތަޢުލީމީ ދާއިރާގައި އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ.

ގައިޑް އެޑިއުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީންކުރުމަށްޓަކައި ޑިޖިޓަލް ވަޞީލަތްތައް އެއް ޕްލެޓްފޯމަކުން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.