މުނިފޫހިފިލުވުން

އޮޑިޝަންތައް މިމަހު 22 އިން ފެށިގެން ޓީވީއެމްއިން ދައްކަން ފަށަނީ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އިންޓަނޭޝަނަލް ރިއަލިޓީ ޝޯވ " މޯލްޑިވިއަން އައިޑަލް "ގެ އޮޑިޝަންތައް މިމަހުގެ 22 ފެށިގެން ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ހާމަކުރައްވައިފިއެވެ. މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އެޕިސޯޑު ޓީވީއެމްއިން ދެއްކުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވާ ހުކުރު ދުވަހުގެ ރޭ 22:30 ގައެވެ. އެގޮތުން ފުރަތަމަ ދެއްކުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީގައި ބޭއްވި އޮޑިޝަންގެ އެންމެ ފުރަތަމަ އެޕިސޯޑެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކުގެ އެޕިސޯޑުތައް މިމަހުގެ 22 ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހަކު ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޕީ.އެސް.އެމުން ހާމަކުރައްވައެވެ. މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަޙައްދެއްގައި މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އާއްމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާ، ހުނަރުވެރި ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފައިވާ 3 ފަންނާނުންކަމަށްވާ، މަރިޔަމް އުނޫޝާ – ކިޑީ، އިބްރާހިމް ޒައިދު އަލީ – ކުޑަ އިއްބެ އަދި އަހުމަދު އިބްރާހިމް – އައްމަޑޭއެވެ. މި ޝޯވގެ ޓްރެއިލާތައް މިހާރު ޓީ.ވީ.އެމުން ދައްކަން ފަށާފައިވާއިރު، މި ޝޯވއަށް ބޭލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދާނެކަމަށް ބެލޭވޭކަމަށް ޕީ.އެސް.އެމުން ހާމަކުރައްވައެވެ. އަދި މިހާރު ކަނޑައެޅިފައިވާ ގޮތުންނަމަ، އޮޑިޝަންތައް ދައްކާ ނިމުމުން، މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އަދި ގްރޭންޑް ފިނާލޭ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޕީ.އެސް.އެމުން މަޢުލޫމާތުދެއްވައެވެ. މި ޝޯއިން އެއްވަނަ ދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.