ދުނިޔެ

އަސްކަރީ މަރުކަޒަކަށް ދިން ހަމަލާގެ ޒިންމާ ތާލިބާނުން ނަަގައިފި


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ
ބޭރުގެ ބާރުތަކަށް ނިސްބަތްވާ އަސްކަރީ މަރުކަޒަކަށް މީހަކު އަމިއްލައަށް މަރުވެގެން
ދިން ޙަމަލާގެ ޒިންމާ އެޤައުމުގެ ޠާލިބާން ޖަމާޢަތުން އުފުލައިފިއެވެ.



ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު
ބުނީ ކާބުލްގެ ކައިރީގައިވާ އަސްކަރީ މަރުކަޒަށް ޙަމަލާދިނީ ތާލިބާނުން ކަމަށާ އެޙަމަލާގައި
ބޭރުޤައުމުތަކުގެ ސިފައިންގެ އެތައް ބަޔަކު މަރުވެ އިތުރު އެތައް ބަޔަކު
ޒަޚަމްވިކަމަށެވެ.



ނަމަވެސް އަފްޣާން ސަލާމަތީ
ބާރުތަކުން ބުނީ އެޙަމަލާގައި މަރުވީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި
މީހާ އެކަނި ކަމަށާއި ނަމަވެސް ޢާންމުންގެ 28 މީހުން ޒަޚަމްވިކަމަށެވެ.
އަމިއްލައަށް މަރުވެގެން ޙަމަލާދިނުމަށް މަސައްކަތްކުރި ހަށިގަނޑުގައި ގޮވާ ތަކެތި
ހަރުކޮށްގެން ހުރި މީހާއަށް އަސްކަރީ މަރުކަޒުގެ ދޮރުން ވަނުމުގެ ފުރުޞަތު އަފްޣާން
ސަލާމަތީ ބާރުތަކުން ނުދިނުމުން އޭނާގެ ޙަމަލާ އަމާޒުވީ އެމަރުކަޒުން ބޭރަށް
ކަމަށްވެސް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެއެވެ.



މިޙަމަލާގެ ތަންކޮޅެއް ކުރިން
ކާބުލްގެ ބައިނަލްއަޤަވާމީ ބަނދަރުގެ ކައިރީގައިވާ މަދަނީ ކޮންޓްރެކްޓަރުން ތިބޭ
ތަނަކަށް އަމާޒުކޮށްގެންވެސް ވަނީ މީހަކު އަމިއްލައަށް މަރުވެގެން ޙަމަލާއެއް ދީފައެވެ.




އެޙަމަލާގައި އާންމުންގެ 30
މީހުން ޒަޚަމްވެފައިވާ ކަމަށާއި ނަމަވެސް މަރުވެފައިވަނީ ހަމަލާދިން މީހާ
އެކަނިކަމަށް އަފްޣާންގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.