ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައި ވަނީ ކޯވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުފުުޅު ކުރެއްވުމަށް ރޭގެ ވަގުތެއްގައި ޓެސްޓް ހެއްދެވުންކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރިވެވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް މިއަދު ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.
މީގެކުރިން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައި މިދުވެސްވަރު ކޯވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޭސްތައް އިންތިހާއަށް މަތިވާން ފަށައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ 3 ދުވަހަކުން ކޭސްތަކުގެ އަދަދުވަނީ ދެގުނަ ވާން ފަށާފައެވެ. ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 2000އިން މައްޗަށް އަރާފައިވައިވާއިރު މީގެތެރެއިން %70 ކޭސްއަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންނެވެ. މާލެ ސަރަޙައްދުން ޓެސްޓުކުރާ މީހުންގެ %35 މީހުން މިވަގުތު ބައްޔަށް ޕޮޒިޓިވްވަމުން ދެއެވެ.
ސިއްޙީ މާހިރުން ލަފާކުރާގޮތުގައި މި އަދަދު މަސް ނިމޭއިރު ބޮޑުތަނުން އިތުރުވާނެއެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.