ޚަބަރު

ޢުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދެނީ


ޢުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްޣަފޫރު ވިދާޅުވީ، ޢުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށުމުގެ ޕްލޭން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ. ނާޝިޔާ ވިދާޅުވީ އެ ޢުމުރުފުރާގެ ކުދިންގެ މަޢުލޫމާތު މިހާރު އެއްކޮށްފައިވާކަމަށާ، އެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާކަަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ގެނައުމާއި ގުޅޭ ނިންމުންތައް ނިމުމުން ވެކްސިން ޕްރޮގްރާމް ފަށާނެކަމަށެވެ.

ޢުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ހުއްދަ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދީފައިވެއެވެ. އަދި އެޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުންވެސް ބައެއް ޤައުމުތަކުގައި ވަނީ މިހާރު ފަށާފައެވެ. އެމެރިކާގެ ފުޑު އެންޑް ޑްރަގު އެޑުމިނިސްޓުރޭޝަން، އެފްޑީއޭއިންވަނީ ޢުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހުއްދަ ދީފައެވެ. އެ ގޮތުން އެ ޢުމުރުފުރައިގެ ކުދިންނަށް ދޭން ނިންމާފައިވަނީ ވެކްސިންގެ 10 މައިކްރޯގުރާމެވެ. އަދި 12 އަހަރުން މަތީގެ ކުދިންނަށް ދޭން ނިންމާފައިވަނީ 30 މައިކްރޯގުރާމެވެ.

ރާއްޖޭގައި މިހާރު ކޯވިޑް ދިފާޢު ވެކްސިން ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށެވެ. އެގޮތުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދެމުން އަންނަނީ ސްކޫލްތަކާއި ގުޅިގެންނެވެ. އަދި އެ ޢުމުރުފުރާގެ ކުދިންގެ %84 ކުދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެޑޯޒް 369 ހާހަށްވުރެ ގިނަ މީހުން ވަނީ ފުރިަހމަކޮށްފައެވެ. އަދި 49 ހާހަށްވުރެ ގިނަމީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.