މެދު އިރުމަތީގެ ދެބާރު ކަމަށްވާ އީރާނާއި ސައުދީ ޢަރަބިއްޔާއަކީ ޒަމާނުއްސުރެ ދެ ހަތުރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަރަހައްދީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެ ގައުމުގެ ހިޔާލު ތަފާތުވެ ދެ ގައުމުން ގެންގުޅޭ ސިޔާސަތު ވެސް ތަފާތު އިރު، ފާއިތުވި އަހަރުތަކުގައި މި ގުޅުމުގެ ތެރެއިން ވަނީ ބަހުގެ ގިނަ ހަމަލާތަކެއް ބަދަލުކޮށް ހަދާފައެވެ.އީރާނާ ސައުދީ ޢަރަބިއްޔާގެ ގުޅުން އަނެއްކާ ވެސް މިވަނީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ޓެރަރިޒަމްގެ ކުށުގައި ސައުދީ ޢަރަބިއްޔާއިން އެއް ފަހަރާ 47 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ވެގެން ދިޔައީ ޢަރަބި އަދި އިސްލާމީ ގައުމުތައް ހައިރާން ކުރުވަނިވި ކަމަކަށެވެ. ސައުދީގެ މި ޢަމަލާ ދެކޮޅަށް ގައުމުތަކުގައި މުޒާހަރާތައް ކުރި އިރު، އެންމެ ވަރުގަދަ މުޒާހަރާތައް ކުރިއަށް ދިޔައީ އީރާނުގެ ވެރިރަށް ތެހްރާނުގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ތެހްރާނުގައި ހުންނަ ސައުދީ އެމްބަސީ ދޮށަށް އެއްވެ އެތަނުގައި ރޯކޮށްލާފައެވެ.ރައްދުގައި ސައުދީން ވަނީ އީރާނާއި އެގައުމާ ދެމެދު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލިކަން އިއުލާނުކޮށްފައެވެ. ސަރަހައްދުގައި ސައުދީއަށް ވާގިދޭ ބަހްރެއިންވެސް އީރާނާ އެކު ބާއްވާ ގުޅުން ކަނޑާލާފައިވާ އިރު ސޫދާނާ ޔޫ.އޭ.އީއިން ވެސް ވަނީ އީރާނާ އެކު އޮންނަ ގުޅުން ކުޑަކުރުމަށް ނިންމާފައެވެ.މެދު އިރުމަތީގައި އީރާނު އެކަހެރިކޮށްލުމަށް ސައުދީ ޢަރަބިއްޔާއިން މަސައްކަތް ކުރާ ކަމަށް ބުނެ އީރާނުން ބުނެފައިވަނީ ތެހްރާނުގައި ހުންނަ ސައުދީ އެމްބަސީގައި ރޯކޮށްލި މައްސަލައިގެ ނާޖާއިޒް ފައިދާ ސައުދީން ނަގަމުންދާކަމަށެވެ. ސައުދީ އާ އީރާނުގެ ގުޅުން އިތުރަށް ހީނަރުވިޔަ ނުދިނުމަށް އެމެރިކާއާ ތުރުކީވިލާތުން ގޮވާލާފައިވާ އިރު، ޔަމަނާ ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ސައުދީން ކުރާ މަސައްކަތަށް އެއްވެސް ބުރޫއެއް އަރާފާނެތީ އދ އިން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ސައުދީ ޢަރަބިއްޔާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޢަބްދުﷲ ޢަލް މުޢައްލަމީ ވިދާޅުވީ، ސޫރިޔާއާ ޔަމަނުގެ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށެވެ.އަދި ޔަމަނާ ސޫރިޔާގައި ސުލްޙަ ޤާއިމުކުރުމަށް ސައުދީން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށްވެސް ސައުދީ ސަފީރު ވިދާޅުވިއެވެ.