ތަރައްޤީއަށްޓަކައި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަކީ ދެފުށް ފެންނަ، އޭގައި ފޮރުވިފައިވާ މާއްދާއެއް އެކުވެގެން ނުވާ އެހީތެރިކަމެއްކަމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި މުނޫ މަހާރުވަރު ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ކުރީން އެމަޤާމުގައި ހުންނެވި ސަންޖޭ ސުދީރުގެ ދައުރު ފުރިހަމަވުމުން އަލަށް މަޤާމާއި ހަވާލުވެވަޑައިގެންނެވި މުނޫ މަހާވަރު ހުންނެވީ އިންޑިއާއިން އޮމާންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައެވެ.
އިންޑިއާގެ 73 ވަނަ ޖުމުހޫރީ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ މިޑިއާއަކަށް އެމަނިކުފާނު ދެއްވި ފުރަތަމަ ބަސްތީގަތުމުގައި އިންޑިއާ ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ގުޅުން ފާއިތުވި 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ހަރުދަނާވެ ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގައި އިންޑިއާގެ ބައިވެރިވުން އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ޕީއެސްއެމްއިން ކުރި ސުވާލަކަށް ލިއުމުން ޖަވާބު ދެއްވަމުން އިންޑިއާ ސަފީރު ވިދާޅުވީ، ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާގެ އެހީ އިންޑިއާއިން ފޯރުކޮށްދިނުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މިއީ 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެވެ. މީގެ ތެރޭގައި ހިލޭ އެހީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ދޫކުރާ ލޯން އެހީތަށްވެސް ހިމެނެއެވެ.
މިހާ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް އިންޑިއާއިން ވަމުންދާއިރު އެމަނިކުފާނު ވިދާޅުވީ، އިންޑީއާއިން ދޭ ހުރިހާ އެހީއަކީވެސް ދެފުށް ފެންނަ އަދި އޭގައި އެކުލެވޭ ހުރިހާ ޝަރުތެއްވެސް ހާމައަށް ފެންނާނެހެން ދޭ އެހީތެރިކަން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ދޫކުރުމަށް ހަމަޖެހިފައިވާ އެހީތަކަކީ ވަރަށް ބޮޑެތި ލުއިތަކާއިއެކު އާންމު މާކެޓް ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި ދޫކޮށްފައިވާ އެހީތައްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރާއްޖެއަަށް އެހީތައް ދޫކޮށްފައިވަނީ 1.75 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައެވެ.
ސަފީރު ވިދާޅުވި ގޮތުގައި މިހާ ދަށް ރޭޓެއްގައި އެހީތައް ދީގެން ކުރިމަތިވާ މާލީ ބުރައެއް އުފުލާނީ އިންޑީއާއިން ކަމަށެވެ. އަދި ރާއްޖެއަށް ދޫކުރުާ އެހީތަކަކީ މަޝްރޫޢުތައް ކުރިއަށްދާ ވަރަކަށް ދޫކުރާ އެހީތެރިކަން ކަމަށާއި، ދިގު މުއްދަތަށް ބަހާލައިގެން ދޭއްކޭއިރު 5 އަހަރުގެ ގްރޭސް ޕީރިއޭޑެއް ލޯންތައް އަނބުރާ ދެއްކުމުގައި ލިބޭނެކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިންޑިއާއި ރާއްޖޭގެ ސަލާމަތި ބާރުތަކުން ވެފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލިއްޔަތުކަން އިތުރު ކުރުމަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އިންޑިއާއި ރާއްޖެއަކީ އަވަށްޓެރި ދެ ޤައުމަށްވާ ހިނދު، ސަރަހައްދީ ގޮތުން ދެ ޤައުމަށްވެސް ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތައް ތަފާތު ނެތް ކަމަށެވެ. މީގެ އިތުރުން ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަމުގެ އިތުރަށް ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓި ވިޔަފާރި ފުޅާ ކުރުމުގައި ދެ ޤައުމަށްވެސް ފަސޭހަތަކެއްވާކަން ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖެއިން ކޯވިޑުގެ ޢަލަމީ ވަބާގެ ކަންކަން ގެންދެވި ގޮތަށް ތަޢުރީފް ކުރައްވާފައެވެ. އަދި ރާއްޖޭގެ ވެކްސިން ޖެހުމުގެ މަސައްކަތާއި އަދި ސިއްޙީ ދައިރާގެ ހިނގުންތެރިކަން ފާހަގަ ކުރައްވާ އިންޑިއާން މިކަމުގެ ވަރަށް ގާތުން މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިޔަކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ކޯވިޑުގެ ކުރީގެ ހާލަތައް ރުޖޫޢަވެގެން ދިޔައީ ސަރުކާރުން އެކަމަށް ދިން އަހަމިއްޔަތުގެ ސަބަބުންކަން ފާހަގަ ކުރެއްވިއެވެ.
އިންޑިއާއި ރާއްޖެއަކީ ޒަމާންވީ ގުޅުންތަކެއް އޮތް ދެ ޤައުމުކަން ފާހަގަ ކުރައްވާ ސަފީރު ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމުހޫއްރީޔާ އިބްރާހީމް މުހައްމަދު ސޯލިޙުގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން ހަރުދަނާވެ މި ގުޅުމަކީ ދެ ޤައުމަށްވެސް ފައިދާވާ ތަނަވެސް އަދި ބަދަހި ގުޅުމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަހުން ދެ ޤައުމު ދޭތެރޭގައި މުދަލާއި ޙިދުމަތާއި އަދި މީހުންގެ ތަނަވަސް ޙިޔާލުތައް ބަދަލުވުން ބޮޑުތަނުން އިތުރުވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.