ވިޔަފާރި

އެސްޓީއޯގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ 10 ބިލިއަނުން މައްޗަށް!


ވިޔަފާރި ރަނގަޅުވެ މިދިޔަ އަހަރުގެ ލިބުނު ޖުމްލަ އާމްދަނީ 10 ބިލިއަނަށް އަރާފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ފަހު ކުއާޓަރގެ ރިޕޯޓު އެކުންފުނިން އާންމުކޮށްފައިވާއިރު، އެކުންފުންޏަށް ފަހު ކުއާޓަރގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ލިބުނު 1.8 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއާއިއެކު މިއަހަރު އެކުންފުނީގެ ޖުމްލަ އާމްދަނީއަކީ ގާތްގަނޑަކަށް 10.2 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީއަހަރާއި އަޅާ ބަލާއިރު 41 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯގެ ޖުމްލަ އާމްދަނީ މިއަހަރު ރަނގަޅުވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއިއެކު ތެލުގެ ވިޔަފާރި ރަނގަޅުވެ، މީގެ އިތުރުން އެކުންފުނީގެ އެހެނިހެން ވިޔަފާރިތައްވެސް މިއަހަރުތެރޭގައި ރަނގަޅުވުމާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ. މިއާއިއެކު އެކުންފުނީގެ ޙަރަދުތައްވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ސާފު ފައިދާވެސް އިތުރުވެފައިވާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާ ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 7 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުންފުނީގެ ސާފު ފައިދާ އަހަރުގެ ފަހު ކުއާޓަރގައި ހުރީ، 131 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރު ފަހު ކުއާޓަރގައި ހުރި 91 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެކުންފުނީގެ ސާފު ފައިދާ މިއަހަރު ފެށުނީއްސުރެ ކޮންމެ ކުއާޓަރެއްގައި ދިޔައީ އިތުރުވަމުންނެވެ. މިއާއެކު މުޅި އަހަރު ޖުމްލަ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 479 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު 33 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯގެ ސާފު ފައިދާ މިދިޔަ އަހަރު އިތުރުވެރިފައިވާއިރު އެކުންފުނީގެ ވިޔަފާރިތައް ފުޅާވެ ދަނީ އިތުރުވަމުންނެވެ. މީގެތެރެއިން ޤައުމީ ޝިޕިންގްލައިން ހިންގުމުގެ އިތުރުން އެކުންފުނިން މިހާރު ދަނީ ގޮދަން ފުށް ތައްޔާރުކުރާނެ ކާރުޚާނާއެއްގެ މަސައްކަތް މަސައްކަތް ކުރަމުންނެވެ.