ޔޫތު ޗެންޕިއަންޝިޕްގައި ފަހަތުން އަރާ ވެލެންސިޔާ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އިން މުހިންމު މޮޅެއް ހޯދައިފިއެވެ. 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެންޕިއަންޝިޕްގައި ވެލެންސިޔާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗް ޔޫވީ ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ.
މިމެޗުން މޮޅުވުމުން ޔުނައިޓެޑް ވިކްޓްރީއަށްވަނީ މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެފައެވެ. މިމެޗް ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ވެލެންސިޔާއިންނެވެ. އެޓީމުން ކުރިއަށް ޖެހިލައިގެން ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގުމެވެ. މެޗްގެ 20ވަނަ މިނެޓްގައި ވެލެންސިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ފާސިރުއެވެ. އަބްދުﷲ ފާސިރުއަކީ ގައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރުގެ ކޮއްކޮއެވެ. މެޗްގައި ވެލެންސިޔާއިން ލީޑް ނެގުމާއެކު ޔުނައިޓެޑް ވިކްޓްރީން އެޓީމްގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ.
ގޯލެއް ޖެހުމަށް ޔޫވީން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 44ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޒައިޝާން އަޝްރަފްއެވެ. މެޗްގެ ފުރަތަމަ ހާފް އެއްވަރުވެގެން ނިމުނުނަމަވެސް، މެޗްގެ ފުރަތަމަ ހާފާއި ޚިލާފަށް މެޗްގެ ދެވަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ 7 މިނެޓްވެސް ނުވަނީސް ޔޫވީންވަނީ ލަނޑެއްޖަހާ މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު ޔުނައިޓެޑް ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދުއެވެ. މިލަނޑަށްފަހުވެސް މެޗްގައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓްރީންނެވެ. އަދި ވެލެންސިޔާއަށް މާ ރަނގަޅު ހަމަލާއެއް ނުއުފެއްދެނީސް ޔޫވީންވަނީ އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ 77ވަނަ މިނެޓްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އަށް ކާމިޔާބުކޮށްދިނީ ޒައިޝާން އަޝްރަފްއެވެ. މިމެޗްގައި ދެ ރަތް ކާޑް ފެނިގެންދިޔައެވެ. މެޗްގައި ވެލެންސިއާގެ ހުސެއިން އަޒުމީއަށް ރަތް ކާޑް ދައްކާފައިވަނީ މެޗްގެ 77ވަނަ މިނެޓްގައެވެ. އަދި ޔޫވީގެ މުހައްމަދު ރާއިފް ފަޒީލްއަށް ރަތް ކާޑް ދައްކާފައިވަނީ މެޗްގެ 87ވަނަ މިނެޓްގައެވެ.