ކުޅިވަރު

ލިވަޕޫލުން ޑިއާޒްގެ ސޮއިހޯދުމާއި ގާތަށް


ލުއިސް ޑިއާޒް ލިވަޕޫލަށް ސޮއިކުރަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޕޯޓޯއަށް ކުޅެމުން އަންނަ ލުއިސް ޑިއާޒް، ގެނައުމުގެ މަސައްކަތް ލިވަޕޫލުން ކުރަމުން އަންނަނީ ސީޒަނަށް ޓީމް ވަރުގަދަ ކުޅުމުގެ ގޮތުންނެވެ.

އުމުރުން 25 އަހަރުގެ ޑިއާޒް ހޯދުމުގެ ރޭހުގައި ލިވަޕޫލްގެ އިތުރުން އިނގިރޭސި ދެ ކުލަބްކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސްއާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިހާރު ޑިއާޒް ހޯދުމުގެ މަސައްކަތް ލިވަޕޫލްއިން އަވަސްކޮށްފައިވާކަމަށްވެސް މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ. އަދި މިހާރު ދެ ފަރާތުން ވާހަކަދެއްކުމަށްފަހު، އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

ޓޮޓެންހަމުންވަނީ ޑިއާޒްގެ ސޮއި ހޯދަން 45 މިލިއަން ޕައުންޑްގެ ބިޑެއް ހުށައަޅާފައެވެ. ނަމަވެސް ލިވަޕޫލުން ވަނީ 50 މިލިއަން ޕައުންޑުގެ އަގެއް ހުށައަޅާފައެވެ. އަދި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑިއާޒްގެ މެޑިކަލް ހެދުމުގެ މަސައްކަތްވެސް އަވަސް ކުރުމަށް ލިވަޕޫލުން ވަނީ އާޖެންޓީނާއަށް މެޑިކަލް ޓީމެއްވެސް ފޮނުވާފައެވެ.

ޕޯޗުގީސް ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން ކޮލަމްބިއާ ގައުމީ ޓީމުގައި ވިދަމުން އަންނަ ޑިއާޒް ލިވަޕޫލަށް ސޮއިކޮށްފިނަމަ މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ލިވަޕޫލުން ޓަކޫމީ މިނަމީނޯ ނޫނީ ޑިވޮކް އޮރީގީ ދޫކޮށްލާނެއެވެ. މީގެ ތެރެއިން ލިވަޕޫލުން ދޫކޮށްލުމުގެ ފުރުސަތު ބޮޑީ އޮރީގީއެވެ.