ޚަބަރު

ނާސިންގ ސްކޫލްގެ ޑީންއަކަށް އަނެއްކާވެސް އާސިޔާ


މޯލްޑިވްސް ނޭޝަނަލް އުނިވަރސިޓީގެ ސްކޫލް އޮފް ނާސިންގެ ޑީންގެ މަޤާމަށް، ދެވަނަ ދައުރަކަށް އާސިޔާ އިބްރާހީމް އައްޔަންކޮށްފިއެވެ. މި މަޤާމަށް އާސިޔާ އަލުން އައްޔަންކުރީ އޭނާގެ ހަތަރު އަހަރުގެ ދައުރު ނިމުމާއި ގުޅިގެންނެވެ.

އެމް.އެން.ޔޫގެ ސްކޫލް އޮފް ނާސިންގެ ޑީންގެ މަޤާމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާސިޔާ އިބްރާހީމް ވިދާޅުވީ ކުރިއަށް އޮތް 4 އަހަރުގެ ދައުރަށް ގިނަ ޕްލޭންތަކެއް ރާވާފައިވާކަމަށެވެ. އޭގެތެރޭގައި ކެމްޕަސްތަކުގައި ނާސިން ޑިގްރީ އަދި މާސްޓާސްގެ ފުރުސަތުތައް އިތުރު ކުރުމާއި، އެ ދާއިރާއިން ޕީއެޗްޑީ ފަށައި ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުން އިތުރުކުރުމާއި ސްޕެޝަލައިޒް ކޯސްތައް ފަރުމާކޮށް ހިންގުން ހިމެނެއެވެ. އަދި ނާސިންގެ އާ ޓެބްލެޓް އަޕްގްރޭޑް ކުރުމާއި މެންޓަލް ހެލްތު އަދި ކޮމިއުނިޓީ ނާސިން ފެށުމާއި ނާސިން ދާއިރާއިން ރިސާޗް މަސައްކަތްތައް ފުޅާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

" އަޅުގަނޑު ދެކޭގޮތުގައި ސްކޫލް އޮފް ނާސިންގެ ޑީންކަމުގެ މަޤާމަށް އަޅުގަނޑު ދެވަނަ ފަހަރަށް އައްޔަން ކުރުމަށް ނިމިގެންދިޔައީ، އަޅުގަނޑަށް މިދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އިތުރުން މި ނިމިގެންދިޔަ ހަތަރު އަހަރު އަޅުގަނޑު ސްކޫލް އޮފް ނާސިންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކޮށްފައިވާތީ. " އާސިޔާ ވިދާޅުވިއެވެ.

އާސިޔާވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އެކިއެކި މަޤާމުތައް ފުރުއްވާފައެވެ. އެގޮތުން އެސިސްޓެންޓް ލެކްޗަރާ، ލެކްޗަރާ އަދި ސީނިއަރ ލެކްޗަރާގެ އިތުރުން ޑިޕާޓްމަންޓް ހެޑްގެ މަޤާމްވެސް އޭނާވަނީ ފުރުއްވާފައެވެ.

ނިމިގެންދިޔަ ދައުރުގައި ސްކޫލް އޮފް ނާސިންގ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 2018 ވަނަ އަހަރު ސްކޫލް އޮފް ނާސިންގައި 900 ދަރިވަރުން ކިޔަވަމުން އައި ނަމަވެސް މިހާރު އެއަދަދު އިތުރުވެ 1100 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. އަދި ކުރީގައި ތިބި ލެކްޗަރުންގެ އިތުރުން މާލެއަށް 12 ލެކްޗަރާއެއް އަދި އަތޮޅުތެރެއަށް 5 ލެކްޗަރާއެއް ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އެދުމުގެ މަތިން ދެ އަހަރު ތެރޭގައި 4 އިންޓޭކަށް ދަރިވަރުންގެ ކިޔެވުންވަނީ ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޤައުމަށް ބޭނުންވާ އެންމެހާ ދާއިރާތަކުން މީހުން ބިނާކުރުމުގައި ވަރަށް ޚާއްސަ ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. ޚާއްސަގޮތެއްގައި ނަރުހުން ތަމްރީނުކުރުމަކީ ޤައުމީކަމެއް ކަމުގައި ދެކިގެން އެ ޔުނިވަރސިޓީން ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގެ ނަރުހުންގެ ސަފުގައި އެއް ދުވަހުން އަނެއް ދުވަހަށް ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ އެ ޔުނިވާސިޓީގެ ވަރަށް ބޮޑު މަގްސަދެކެވެ.