އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ ލެބޯޓްރީ އޯޕީޑީ ޚިދުމަތް 6 ގަޑިއިރަށް އިތުރުކުރުމަށް ނިންމައިފިއެވެ. އަދި އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދު އިތުރުކުރުމަށްވެސްވަނީ ނިންމާފައެވެ.
ކޯވިޑުގެ ޙާލަތު މާލެ ސަރަޙައްދުގައި ގޯސްވުމާ ގުޅިގެން އައިޖީއެމްޗްއިން، ޚިދުމަތްތައްދޭ ބައެއް ވަގުތާއި އަދި އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދުވަނީ މަދުކޮށްފައެވެ.
އައިޖީއެމްއެޗްއިން އެންމެ ގިނަބަޔަކު ހޯދަމުން އަންނަ އެއް ޚިދުމަތަކީ ލެބޯޓްރީގެ ޚިދުމަތެވެ. ކޯވިޑްގެ ޙާލަތާ ގުޅިގެން ލެބޯޓްރީގެ ޚިދުމަތް ދޭ ވަގުތު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންވަނީ މަދުކޮށްފައެވެ.
ލެބޯޓްރީގެ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ހެނދުނު 08:00އިން 12:00އަށެވެ. ހޮސްޕިޓަލުންވަނީ ލެބޯޓްރީ އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދުވެސް މަދުކޮށްފައެވެ. އެގޮތުން މިވަގުތު ދޫކުރަމުން އަންނަނީ ދުވާލަކަށް 200 ނަންބަރެވެ. އެއީ އޮންލައިންކޮށް ދޫކުރާ 100 ނަންބަރާއި ހޮސްޕިޓަލުން ދޫކުރާ 100 ނަންބަރަށެވެ.
ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފަށައިގެން ލެބޯޓްރީގެ ޚިދުމަތްދޭ ވަގުތު ހެނދުނު 08:00އިން މެންދުރު 02:00އަށް އިތުރުކުރުމަށްވަނީ ނިންމާފައެވެ. ވަގުތު އިތުރުކުރުމާއެކު ދުވާލަކު 400 ނަންބަރު ދުކުރާނެކަމަށް އައިޖީއެމްއެޗްއިން މަޢުލޫމާތުދެއެވެ. އެއީ އޮންލައިންކޮށް ދޫކުރާ 200 ނަންބަރާއި ހޮސްޕިޓަލުން ދޫކުރާ 200 ނަންބަރެވެ.
މިދިޔަ މަހުގެ 22ވަނަ ދުވަހުން ފެށިގެން އައިކީއެމްއެޗްއިން ވަނީ، އެ ހޮސްޕިޓަލްއިން ދުރާލާ ތާވަލްކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލަން ނިންމާފައެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފަށައިގެން ގެންނަ ބަދަލުތަކުގައި، މިފަދަ ބައެއް ސަރޖަރީތައް އަލުން ފެށުމަށްވަނީ ނިންމާފައެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް ހޮސްޕިޓަލްގެ އިމަންޖެސީ(އީ.އާރް)ގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށެވެ.