އީރާންގެ ތެހެރާންގައި ހުންނަ ސަޢޫދީ އެމްބަސީއަށް އީރާނުގެ ބަޔަކު ވަދެ އެތަނުގައި ހުޅުޖަހައި އެމްބަސީގެ ޢިމާރާތަށްގެއްލުން ދިން މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.މިކަން ސަރުކާރުން ކުށްވެރިކުރައްވާފައި ވަނީ ޚާރިޖީވުޒާރާއިން ނެރުއްވި ބަޔާނެއްގައެވެ. މިބަޔާނުގައި ސަރުކާރުންވަނީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އެކި ޤައުމުތަކުގައި ހުންނަ އެހެން ޤައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ރައްކާތެރިކުރުމަކީ އެ ތަންތަން ހުންނަ ޤައުމެއްގެ ޒިންމާއެއްކަމަށާއި، އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ފަދަ ކަންކަމުން އެތަންތަން ރައްކާތެރިކުރުމަކީ ހުންނަ ޤައުމެއްގެ ސަރުކާރުގެ ޒިންމާއެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޙަމަލާދިން ފަރާތްތައް ވީއެންމެ އަވަހަކަށް ހޯދާ އެމީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލައްވާފައެވެ. މި މައްސަލަ ހައްލުކުރުމަށް ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މި މައްސަލައިގައި މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތަކަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ދެކޭކަމުގައި ޚާރިޖިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.