ދުނިޔެ

ޔަމަނަށް ދޭ ހަމަލާތަކާ ދެކޮޅަށް މުޒާހަރާކޮށްފި


ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް އަސްކަރީ ވައިގެ ހަމަލާތައް ދިނުމަށް ސައުދީން އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުން ޔަމަނުގެ މަދަނީ އިމާރާތްތަކަށް ވައިގެ ހަމަލާތައް ދެމުންދާ ކަމަށް ބުނެ ވެރިރަށް ސަންޣާގައި މުޒާހަރާކޮށްފިއެވެ.ސަންޣާގައި މުޒާހަރާތައް ކޮށްފައި މިވަނީ އަސްކަރީ އިއްތިހާދުން ދިން ހަމަލާތަކެއް ޔަމަނުގެ ޗެމްބަރ އޮފް ކޮމާސްގެ މައި މަރުކަޒަށާއި އެރަށުގައި ލޮލުގެ ފެނުމުން މަހްރޫމުވެފައި ތިބޭ ކުދިންނަށް ކިޔަވާ ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒަކަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.މި ހަމަލާތަކުގައި އެއްވެސް ފަރާތަކަށް އަނިޔާވެފައި ނުވާއިރު، ޔަމަނުގެ ޢާއްމުން އުޅޭ މިފަދަ އިމާރާތްތަކަށް ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ބުނެ ސަންޣާގެ ރައްޔިތުން ވަނީ އަޑު އުފުލާފައެވެ. އާއްމުން އުޅޭ އިމާރާތްތަކަށް އިއްތިހާދުގެ ޙަމަލާތައް އަމާޒުވަމުންދާ މަައްސަލައިގައި ޢަރަބި އިއްތިހާދުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.