ޚަބަރު

ހިތްދަތި ދުވަސްތަކަކަށްފަހު އާސިފާއަށް ލިބުނު އުފާވެރިކަމުގެ ވާހަކަ ރިޔާސީ ބަޔާނުން!


އަމިއްލަ ރަށުގައި ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެފައި ނެތީ ރާއްޖޭގެ ވަރަށް މަދު ރަށްތަކެއްގައެވެ. އެއީ އާބާދީގެ ގޮތުން ބަލާލިޔަސް ވަރަށް މަދުބަޔަކު ދިއިއުޅޭ ރަށްރަށެވެ.

އެގޮތުން ފާހަގަކޮށްލެވެވުނު ތިން ރަށަކީ ވ.ތިނަދުއާއި އެއަތޮޅު ރަކީދުއާއި ބ.ފެހެންދުއެވެ. މި ތިން ރަށުގަ ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ނެތުމާއެކު އެރަށްރަށުގެ ދަރިވަރުންނާއި ބެލެނިވެރިން އުފުލި ތަކުލީފާއި ހިތްދަތިކަން މިހާރުގެ ސަރުކާރުންވަނީ ނިމުމަކަށް ގެނެސްދެއްވާފައެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމުހގައި އާބާދީގެ ގޮތުން މީހުން މަދު ރަށްރަށާއި ބޮޑެތި ރަށްރަށުގެ މެދުގައި މީގެކުރިން ފަރަގުތަކެއް ހުރެއެވެ. މި ފަރަގު ނައްތާލައްވައި ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ.

މި ވަޤުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތައުލީމީ ސިޔާތުތައް ބަދަލުކުރެއްވިއެވެ. ޢަމަލީގޮތުން މިހަމަހަމަކަން ދައްކަވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރިއަށްދާކަން ބ.އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ފެހެންދޫއަށް ބަލާލުމުން ސާފުކޮށް ހާމަވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވަނީ މިކަމަށް އިޝާރާތްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތައުލީމް ހޯދުމަށް ކުދި ރަށެއްގެ ދަރިވަރަކަށް ވުމަކީ ހަމަހަމަ ފުރުސަތުތަކުން މަޙްރޫމް ވާންޖެހޭކަމެއް ނޫންކަމަށެވެ.

ފެހެންދޫ ސްކޫލްގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ޙިދުމަތް ލިބެން ފެށުމަކީ އެރަށުގައި ކިޔަވާ ދަރިވަރުންނަށާއި ބެލެނިވެރިނަށް ލިބުނު ބޮޑުލުޔެއްކަން ފާހަގަކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ފެހެންދޫ އާއިމިނަތު އާސިފާއާއި އޭނާގެ ދަރިފުޅަށް ލިބުނު އުފާވެރިކަމުން މިސާލު ދައްކަވާފައެވެ.

ދަރިއަކަށް ތައުލީމް ހޯދައިދިނުމަށް އާސިފާ އުފުލި ތަކުލީފަށް ނިމުން ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ޚިދުމަތްތައް ލިބިދިނުމަށް ކުރެއްވުނު ކާމިޔާބު މަސައްކަތްޕުޅު ފާހަގަކުރައްވަމުންނެވެ.

"ފެެހެންދޫ އައިމިނަތު އާސިފާ ކުޑަ ބޮއްކުރައެއްގައި 12 އަހަރު ވަންދެން ބ.ގޮއިދޫ ސްކޫލަށް ކުރިބުރަދަތުރު މިވަނީ ނިމުމަކަށް ގެނެވިފަ." ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އެ ވިދާާޅުވީ ވަރަށްބޮޑު ތެދުފުޅެކެވެ. ބ.ފެހެންދޫ އާއިމިނަތު އާސިފާ އަކީ ދަރިފުޅު ގޮވައިގެން ގޮއިދޫ ސްކޫލަށް ކޮންމެދުވަހަކު ބެލެނިވެރިންކުރި އެ އުނދަގޫ ދަތުރު އެންމެފުރަތަމަ ފެށި ބެލެނިވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. 2008ވަނަ އަހަރު ފެހެންދޫ އެސްކޫލް ބަންދުކުރުމައެކު ދަރިއަކަށް ތައުލީމް ހޯދައިދިނުމަށް އާސިފާއާއި އެފަދަ އެތައް ބަޔަކު ކުރީ އަގުނުކުރެވޭފަދަ ބުރަ މަސައްކަތެކެވެ. އަނގަމަތި ކުޑަކުޑަ ބޮއްކުރާއަކުން ކުޑަކުޑަ ޑިންގީއަކަށެވެ. މި ކުދިކުދި އުޅަނދުތަކުގައި އެތައް ދުވަހަކު ގަދަ ވިއްސާރާގައި ބޮޑެތި ރާޅުތަކުގެ ތެރޭގައި ދަތުރުކޮށް އޭރު ކިޔަވަންދިޔަ ދަރިފުޅު މިހާރުވަނީ ގްރޭޑް 10 ނިންމާފައެވެ.

އެދަރިވަރު ސްކޫލް ނިމުނު ހިސާބުން އާސިފާގެ އަސްލު ދަތުރު ފެށުނީއެވެ. އޭނާ އުފުލަމުންދިޔަ ތަކުލީފު ހަމަލޮލަށް ފެނުނު މީހެއްގެ ހައިސިއްޔަތުން ހިތައްއެރި ސުވާލަކީ މިއީ ހަމަ އެމީހުނަށް ހައްޤުމިންވަރުތޯއެވެ.

ކޮންމެއަކަސް މި އުނދަގޫ ދަތުރުގައި އާސިފާ އުފުލި ތަކުލީފު އަދި މާބޮޑެވެ. ދަތުރަށްފަހު ކޮންމެދުވަހަކު ކުދިން ޑިންގީގައި ފައިބައިގެން ހިނގާފައި ގެއަށްދާ މަންޒަރުފެނެއެވެ. އެކަމަކު އާސިފާ ދަނީ ހާއްސަ އެޙީއަށްބޭނުންވާ ކުއްޖަކު އުރައިގެންނެވެ. މިމަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަހިލޭނެއެވެ. ގަދަ ވަޔާ ވިއްސާރައިގައި އެދަރިފުޅު ގޮވައިގެން ކުރި ބިރުވެރި ދަތުރުތައް މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ.

"މީ ކިހާބޮޑު އުފަލެއްތޯ އަހަރެމެންކަހަލަ މީހުންނަށް މިލިބުނީ. ކުޑަ ބޮއްކުރާގައި ފެށި ދަތުރު މިނިމުނީ އަދި އެދުވަސްތަކަކީ ހަނދާނުން ފޮހެނުލެވޭނެދުވަސްތަކެއް. ހާދާހާ ވޭނެއްގައި އުޅުމަށް ފަހުއޭ މިކަން މިހާސިލްވީ." ލޮލުން އުފަލުގެ ކަރުނަ ހިލިފައިވާ އާސިފާ ކިޔައިދިނެވެ.

ކަނޑުމަގުން މި އުނދަގޫ ދަތުރުތައްކޮށްގެން ކިޔެވުން ނިންމާފައި ތިބި ދަރިވަރުން މިހާރުވެސް މަދެއްނޫނެވެ. އެއީ އެމީހުން އޭރު އުފުލަން މަޖުބޫރުވެފައި އޮތް ތަކުލީފެކެވެ. ބެލެނިވެރިން ދަރިންނަށް ތައުލީމް ހޯދައިދިނުމަށް ކުރި ބުރަ މަސައްކަތެކެވެ.

މިކުދިންނަށް ފުރަތަމަވެސް ލުޔެއް ހޯއްދަަވައިދެއްވީ މިސަރުކާރުންނެވެ. އެއީ އެކުދިން ދަތުރުކުރުމަށް ތިރީސް މީހުން އުފުލޭވަރުގެ ބޮޑު ލޯންޗެއް ހަމަޖައްސަވައި ޚިދުމަތްދެއްވަން ފެށްޓެވި ހިސާބުންނެވެ. ކުރިން ދަތުރުކުރި 18 ފޫޓްގެ ކުޑަ ޑިންގީ ދޫކޮށްލެވުނީ އެހިސާބުންނެވެ. އެއަށްފަހު އުފަން ރަށުގައި ތިބެގެން ތައުލީމް ހޯދުމުގެ ފުރުސަތު ސެޓެލައިޓް ސްކޫލް މެދުވެރިކޮށް މިހާރުވަނީ ދޭން ފަށާފައެވެ. މިއީ މުޅި ފެހެންދުއަށް ލިބުނު ބަޔާންނުކުރެވޭފަދަ ބޮޑު އުފަލެކެވެ.