ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އިސްލާމްދީނާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވަން ރާބިޠަތުލް ޢާލަމިލް އިސްލާމީއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކެޓްރީ ޖެނެރަލް ނިޝާން ކަލާފާނުގެ އިޢްޒަތުގެ ވެރިޔާ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއާއި ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންގ އެފެއާޒް އަޙްމަދު ޚަލީލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ގިނަ ދާއިރާތަކަކުން ރާބިޠާއާއި ރާއްޖެއާ ދެމެދު މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އެގޮތުން މިވަގުތު ދުނިޔޭގައި މުސްލިމުން ކުރިމަތިލަމުންދާ ގިނަ ދަތިތަކުގެ ހަގީގަތަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުކަން ފާހަގަވެފައިވާއިރު މިކަންކަން ނައްތާލުމަށްޓަކައި އެޖަމްޢިއްޔާއާއި ރާއްޖެއަށް ގުޅިގެން ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިސްލާމީ ރިވެތި އަދި ހަރުދަނާ އުސޫލުތަކަށް ބާރުއަޅައި އެކަން އިތުރަށް ފުޅާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ދެ ޖިންސުގެ ދެމެދުގައި އެކިކަންކަމުގައި ކުރެވޭ ފަރަގު ކުޑަކުރުމާއި އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަން ބަޔާންކޮށްދިނުމަށް ރާބިޠާއިން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް މިބައްދަލުވުމުގައިވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު އިސްލާމީ ދުނިޔޭގައި ހުރި ބޮޑެތި ގިނަ މައްސަލަތަކަށްވެސް މިބައްދަލުވުމުގައިވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ފަލަސްޠީނާއި ރޮހިންޔާގެ މައްސަލަތަކާ ގުޅިގެންވަނީ މަޝްވަރާކުރައްވާފައެވެ.
ހަމައެއާއެކު ރާބިޠާގެ އެހީތެރިކަމާއެކު ދިވެހި އިމާމުންނާއި ދީނީ ޢިލްމު ހޯދުމަށް ބޭނުންވާ މީހުންނަށް ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި ރާބިޠާގެ އޮފީހެއް ރާއްޖޭގައި ހުޅުވުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.
އިސްލާމީ ދުނިޔޭގައި ބާރުގަދަ ޖަމްޢިއްޔާއެއްކަމަށްވާ ރާބިޠާގެ ސެކެޓްރީ ޖެނެރަލްއަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ ހޯމަ ދުވަހުއެވެ.
ރާބިޠާގެ ސެކެޓްރީ ޖެނެރަލް އިސްލާމީ ވަޙުދަތު ޙިމާޔަތްކުރައްވާ ދީން ކުރެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ރައީސްވަނީ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ދިވެހި ދައުލަތުގެ ފަރާތުން އަރުވާފައެވެ.