ޔަމަންގެ ވެރިރަށް ސަންޢާގައި
ހުންނަ އީރާނުގެ އެމްބަސީއަށް، ސަޢޫދީ ޢަރަބިޔާއިން ވައިގެ ޙަމަލާއެއް ދީފިކަމަށް
އީރާނުން ތުހުމަތުކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން
ޙުސައިން ޖާބިރު އަންސާރީ ވިދާޅުވީ ސަޢޫދީ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް
ދިން ވައިގެ ޙަމަލާތަކުގެ ތެރެއިން ޙަމަލާއެއް ސަންޢާގައި ހުންނަ އީރާނުގެ އެމްބަސީގެ
ޢިމާރާތަށް އަމާޒުކޮށްފައިވާ ކަމަށާ މިކަމުގެ ސަބަބުން އެމްބަސީގެ ޢިމާރާތަށާއި
އެތަނުގައި މަސައްކަތްކުރާ މީހުންނަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
މިކަމުގެ މާބޮޑު ތަފްޞީލެއް އީރާނުގެ މަސްޢޫލުވެރިޔާ ދެއްވާފައެއްނުވެއެވެ.
ސަޢޫދީ ޢަރަބިޔާ އިސްކޮށް
އޮވެގެން އުފައްދާފައިވާ ޢަރަބި ކޯލިޝަނުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް
ވަދެފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
ފާއިތުވި ނުވަވަރަކަށް މަސްދުވަހުގެ
ތެރޭގައި މިކޯލިޝަނުންވަނީ ޔަމަންގެ އެކި ސަރަހައްދުތަކަށް ވައިގެ ޙަމަލާތައްދީފައެވެ.
ޢަރަބި ކޯލިޝަނުން ސަންޢާއަށް މިއަދު ދިން ވައިގެ ޙަމަލާތަކަކީ މިފަހަކަށް އައިސް
ނުދޭފަދަ ވަރުގަދަ ޙަމަލާތަކެއް ކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.
މިއަދު ޢަރަބި ކޯލިޝަނުން ދިން
ވައިގެ ޙަމަލާއެއް ޔަމަންގެ ވެރިރަށް ސަންޢާގައި ހުންނަ ލޯފަން މީހުންގެ
މަރުކަޒަކަށް އަރާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.