ޚަބަރު

ދެވަނަ ފިޔަވަހީގެ ބީޗް ސައިޑްގެ 34 ގޯއްޗެއް މާދަމާ ވިއްކާލަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމައްޗާއި ކައިރިން ބީޗް ސައިޑުން ދިރިއުޅުމުގެ ބޭނުމަށް ބީލަން އުސޫލުން ގޯތި ވިއްކުން މާދަމާ ކުރިއަށްގެންދިޔުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ވަނީ ބީޗް ސައިޑް ނުވަތަ ބީޗު ސަރަހައްދުގައި ހުރި ބީޗް ފްރަންޓުން ނޫން އެހެން ގޯތީގެ ތެރެއިން މާދަމާ 34 ގޯއްޗެއްގެ ބީލަން އޮންނާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުން 60 ގޯތި ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މީގެތެރެއިން ބީޗް ފްރޮންޓް ނުވަތަ ސީދާ އަތިރިމަތިން ދޫކުރުމަށް ހަމަޖެހިފައިވާ 26 ގޯތި މިމަހުގެ 9 ވަނަ ދުވަހު ވަނީ ވިއްކާލާފައެވެ. އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން 12:00 ޖެހުމާއި ހަމައަށް ބީލަން ފޯމު ހުށައެޅުމަށް ހުޅުވާލުމަށް އެޗްޑީސީއިން ވަނީ ނިންމަވާފައެވެ. އަދި ބީލަން ފޯމު ހުޅުވާ ޢިއުލާންކުރުން މެންދުރު 1:00 ޖަހާއިރު ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން ބުދަދުވަހު މީރުމާ ހޮޓެލްގެ ދެވަނަ ފަންގިފިލާއަށް ބީލަން ހުށައެޅުމަށް އިންތިޒާމު ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ބީލަން ހުށައެޅުމަށް ހުޅުވާލާއިރު އެޗްޑީސީއިން ވަނީ ބީލަމުގެ ޝަރުތުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން މާލޭ ރައްވެއްސަކަށް ވުމާއެކު އެމީހެއްގެ ނަމުގައި މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހަކަށްވެސް ވެގެންނުވާނެއެވެ.

ހުޅުމާލޭ ބީޗް ސައިޑްއިން ވިއްކުމަށް ހަމަޖެހިފައިވާ 34 ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ތިންލައްކަ ވިހިހާސް ރުފިޔާ ދައްކަންޖެހެއެވެ. އަދި ބިޑް ފޯމާއެކު ގޯއްޗަށް އެދޭ ފަރާތަކީ މިކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ފުރިހަމައަށް އޮތް ފަރާތެއްކަން އަންގައިދޭ "ޕަވަރ އޮފް އެޓަރނީ" ހުށައަޅަންޖެހެއެވެ.

މާލެ ސަރަޙައްދުގައި ތޮއްޖެހުން ކުޑަކޮށް މިސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ކަށަވަރުކުރުމަށް ހުޅުމާލޭ މާސްޓަރ ޕްލޭނާއި އެއްގޮތަށް ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2017 ވަނަ އަހަރުގައެވެ. ދިރިއުޅުމުގެ ބޭނުމަށާއި ވިޔަފާރިއަށް ދެވަނަ ފިޔަވަހިން މިހާރު އަންނަނީ ބިން ވިއްކަމުންނެވެ.