ފުވައްމުލަކަކީ ރާއްޖޭގައި އޮތް އެންމެ ރަށެއްގެ މައްޗަށް ނިސްބަތްވާ ހަމައެކަނި އަތޮޅެވެ. އާބާދީގައި ގާތްގަނޑަކަށް 13000އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ރާއްޖޭގެ ހަތަރުވަނަ ސަރަޙައްދުވެސްމެއެވެ.
ގުދުރަތީގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާ ތަފާތު ރަށެކެވެ.
ބޮޑެތި ކުޅިތަކުގެ ސަބަބުން ގުދުރަތީ ރައްކާތެރިކަމެއް ރަށަށް ލިބިފައިވީނަމަވެސް ބިން ބޮޑޫވުމާއެކު ބޮޑެތި ބަރު ވެހިކަލްތައް ޢާއްމުކޮށް ދުއްވާ މަގުތަކަށް ފެން ހިނދުންވަނީ ދަތިކަމަކަށްވެފައެވެ. ނަތީޖާއެއްގެގޮތުން ވިއްސާރަ މޫސުމުގައި ފެން ނުހިނދި މަގުތަކުގައި ފެންބޮޑުވުމުގެ ޙާދިސާތައްވަނީ ޢާއްމުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ފުވައްމުލަކުގެ މަގުހެދުން މަޝްރޫޢުއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ މަސައްކަތް މިހާރު ހުއްޓިފައިވަނީ އެސިޓީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ ސިސްޓަމް ނުވަތަ ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއަށް ނުލިބިގެންކަމަށެވެ. އަދި ސާމާނު ލިބުމާއެކު ފުވައްމުލަކުގެ އެތެރޭގެ މަގުތައްކުގައި ތާރުއެޅުން ކުރިއަށް ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ. މިހާރު ގިނަ މަގުތަކެއްގައި ޕޭވްމަންޓްތައް ހެދިފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
"މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިމިވަނީ ސްޓޯމްވޯޓަރ ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ސާމާނު ނެތިގެން. މަސައްކަތުގެ ގާތްގަނޑަކަށް %50 މަސައްކަތްވަނީ ނިމިފައި." މޭޔަރު ވިދާޅުވިއެވެ.
މަގުތައް ހެދިފައި ނެތުމުގެ ސަބަބުން ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު އުނދަގުލަކަށްވެއެވެ. ސިޓީކައުންސިލުން ވިދާޅުވާގޮތުގައި މިދިޔައަހަރު އެކަނިވެސް ދެފަހަރެއްގެ މަތިން ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.
2016ވަނަ އަހަރު އޭރުގެ ސަރުކާރުން ފުވައްމުލަކުގެ މަގުތައް ހަދަން ބަޔަކާ ޙަވާލުކުރިނަމަވެސް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ. މިމަސައްކަތް އަލުން، 2019ވަނަ އަހަރު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރާއިރު، ފުވައްމުލަކުގެ ވަށަމަގުގެ މަސައްކަތްވަނީ ނިންމާލާފައެވެ.
ދައުލަތުގެ ބަޖެޓުން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތަކީ ފުވައްމުލަކު ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މަޝްރޫޢެކެވެ.