ރިޕޯޓް

ރަޝިއާ-ޔޫކްރެއިން މައްސަލައިން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟


ރަޝިއާއިން ޔޫކްރެއިންނަށް ހަމާލާ ދޭން މިހާރު ފަށާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަމަލާތައް ދަނީ ކުއްވެރިކުރަމުންނެވެ. އަދި މި ހަމަލާތައް ދިގު ދެމިގެން ގޮސްފިނަމަ އޭގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ގިނަ މާހިރުން ބުނެއެެވެ.

ދުނިޔެއަށް ބޮޑުކަމެއް ދިމާވެގެން، އަންނަ ކޮންމެ އިޤްތިޞާދީ ގޮންޖެހުމަކުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރެއެވެ. އަދި ޚާއްސަކޮށް ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށުން އެއީ ރައްޖޭގެ އިޤްތިޞާދީ މައި ނާރެސް ކަމަށްވާ ފަތުރުވެރިކަމަށް އޭގެ އަސަރު ކުރުވާނެ ކަމެކެވެ.

ބޮޑު 10 މާކެޓުގެ ތެރޭ ހިމެނޭ ދެ މާކެޓެއް ހަނގުރާމައަށް!

ރާއްޖޭގެ ފަތުރުވެރިކަމަކީ އަބަދުވެސް ފަތުރުވެރިން އަންނަ ނިސްބަތައް ބަރޯސާ ސިނާޢަތަކެވެ. ޤައުމުތަކުން އަންނަ މުއްސަނދިންނާއި އަދި އެމާކެޓުތަކުން އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުކޮށް ހިފެހެއްޓުމަކީ މުހިންމު ކަމެެކެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ ރަޝިޔާއެވެ. އެގޮތުން މިދިޔަ އަހަރު 222،422 މީހުން ރަޝިއާއިން އައިސްފައިވެއެވެ. މިއީ އިންޑިއާ މާކެޓު ފިޔަވައި މިދިޔަ އަހަރު އެންމެ ބޮޑު މާކެޓަށްވީއިރު، މި ހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް 15.6 އިންސައްތައާއެކު އެއްވަނައިގައި މިއަހަރު އޮތީވެސް ރަޝީއާ މާކެޓެވެ.

މިދިޔަ އަހަރުވެސް އަދި މިއަހަރު މިހާތަނަށްވެސް ޔޫކްރެއިން މާކެޓަކީ 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު އެކަނިވެސް 35،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެއެވެ.

އެހެންކަމުން ބޮޑު ހަނގުރާމައެއްގެ މަލަމަތި ފެންނަހެން އޮތް މިހާލަތުގައި މި ދެމާކެޓުން އަންނަ ފަތުރުވެރިން މަދުވާނެކަމަށް ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ދެކެވެ. މިކަމަށް ބާރު ލިބޭ އެއްކަމަކީ ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ދަތުރުތައް ހުއްޓުމެވެ. އަދި މިހާރު ރަޝިއާގެ އަސްކަރީއްޔާއިން ހިންގާ އޮޕަރޭޝަނުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ ރަޝިއާގެ މާލީ ވުޒާރާތަކަށް ފިޔަވަޅު އަޅާފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މިހާރުވެސް ރަޝިއާ ފައިސާގެ އަގަށް ބަދަލު އަންނަން ފަށާފައިވާކަމަށް މަސްރަޙު ދިރާސާ ކުރަމުންދާ ބޭރުގެ މީޑިއާތަކުން ބުނެއެވެ. ރަޝިއާގެ އިޤްތިޟާދަށް ކުރިމަތިވާ މިފަދަ ކޮންމެ ލޮޅުމަކީ އެޤައުމުން ފަތުރުވެރިން އައުން މަދުވާނެ ސަބަބެއް ކަމަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ތެލުގެ ބާޒާރަށް ނުސީދާ އަސަރެއް، ތެލުގެ އަގު އުފުލުމަށް އިތުރު ސަބަބެއް!

ފަތުރުވެރިކަމުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މިއީ ހަމައެކަނި ރަޝިއާ، ޔޫކްރެއިން މަސްރަޙު ގޯސްވުމުން އައި ބަދަލުތަކެއް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި ތެލައް އޮތް ޑިމާންޑު ބޮޑުވެ އޯޕެކްއިން ދަނީ ޤައުމުތަކުން އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރުވެސް އަޅަމުންނެވެ. ނަމަވެސް މެދު އިރުމަތީ ޤައުމުތަކުން ދަނީ މިކަމާއި ދެކޮޅު ހަދަމުންނެވެ. އެއީ ސްޓޮކް މާކެޓައް ބަދަލުތައް އަންނަމުންދާއިރު އުފެއްދުންތެރިކަން އިތުރުކޮށްފިނަމަ، އެޤައުމުތަކުން ތެޔޮ ވިއްކާ އަގު ބޮޑުވާނެކަމަށް ބުނެއެވެ.

މިހާލަތުގައި ތެލުގެ ބާޒާރު އޮތްއިރު، ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ސަޕްލައި ކުރާ ޤައުމަކީ ރަޝިއާއެެވެ. ދުނިޔޭގެ ޤައުމުތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގައި އެޤައުމުގެ ހަކަތައިގެ ވިޔަފާރިއާއި ދެކޮޅަށް ފިޔަވަޅު ނޭޅިއަސް، ޤަައުމުތަކަށް ތެޔޮ ބޭރު ކުރާ މިންވަރު މޮސްކޯއިން ހިފަހައްޓަފާނެ ކަމުގެ ބިރު މިވަގުތު ބޮޑުކަމަށް ހަބަރުތައް ބުނެއެވެ.

ބާޒާރުގެ އަގުތަކަށް ބަލާއިރު މި ވޭތުވެދިޔަ ތިން ހަފްތާގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރުން މައްޗަށް ޖެހިފައެވެ. އެހެން ކަމުން މި ހަނގުރާމައިގެ ސަބަބުން ޑިމާންޑާއި އެއްވަރަށް ތެލުގެ ސަޕްލައި ނުހިފެހެއްޓިއްޖެ ނަމަ އަނެއްކާވެސް ވަރަށް ބޮޑަށް ތަކުގެ އަގު އުފުލޭނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ދާދިފަހުން އައި ބަދަލުތަކާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ޔޫކްރެއިން-ރަޝިއާ މަސްރަޙު ގޯސްވާ ހާލަތުގައި އަނެއްކާވެސް ތެލުގެ އަގަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިވަގުތު ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ރަޝިއާއިން ހަމަލާ ދެމުންދާއިރު، މި މަސްރަޙު ދިވެހި ސަރުކާރުވެސް ދަނީ ގާތުން ބަލަމުންނެވެ. އެގޮތުން ޔޫކްރެއިންގައި ތިބި މަދު ކުއްޖަކު ފިޔަވައި ހުރިހާ ކުދިން ރާއްޖެ ގެނެސްފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވެދާނެ ހާލަތަކަށްވެސް ސަރުކާރުން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ.