ވިޔަފާރި

ވިޔަފާރިތަކަށް އެހީވުމަށް މީރާގެ ޓީމުތައް އަތޮޅުތަކަށް


ކުދި ވިޔަފާރިތަކަށް މާލީ
ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވުމަށް މީރާގެ ޓީމުތަކުން އަތޮޅުތަކަށް ދަތުރުތަކެއް
ކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.  



ދައުލަތުގެ ޓެކްސް އިދާރާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވިދާޅުވީ ކުދި ވިޔަފާރިތަކަށް މާލީ
ހިސާބު ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބައެއް
ރަށްތަކަށް އެއޮތޯރިޓީން ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން
އަންނަ ފެބްރުއަރީ މަހުން ފެށިން މެއި މަހުގެ ނިޔަލަށް މީރާގެ ޓީމްތަކުން ރާއްޖޭގެ
އަތޮޅު ކައުންސިލް ޢިދާރާ ޤާއިމްވެފައިވާ ހުރިހާ ރަށަކަށް ދަތުރުކޮށް ފާއިތުވި
2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމަށް އެހީތެރިވެދޭނެކަމަށް މީރާ
ބުނެއެވެ. އަދި ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމަށްވެސް
ހަމަޖެހިފައިވާކަމުގައި މީރާއިން މަޢުލޫމާތުދެއެވެ.



މި ދަތުރުތަކުގައި މީރާގެ ޓީމުތަކުން
ޖީއެސްޓީ ޤާނޫނުގެ ދަށުން ދައުލަތުގެ ޓެކްސް ޢިދާރާއަށް ހުށަހަޅަންޖެހޭ 2015
އަހަރުގެ ބީޕީޓީ ބަޔާނާއި، މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިކަން
ބޭނުންވާ ވިޔަފާރިކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މީރާއިން
މަޢުލޫމާތުދެއެވެ.



މާލެ ފިޔަވައި ރާއްޖޭގެ
އެހެނިހެން ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 އަހަރުގެ ބީޕީޓީ
ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން
މީރާގެ ހޮޓްލައިން 1415 އަށް ގުޅައި ނަން ނޯޓުކުރުމަށް މީރާއިން އެދެއެވެ.



މީރާއިން ވަނީ
މާލީ ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ނުދާ ފަރާތްތަކާމެދު މިއަހަރުން
ފެށިގެން ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މިގޮތުން ޖެނުއަރީ އެކެއްގެ ފަހުން ނޯޓިސްދެވޭ ފަރާތްތައް ދެހާސް ރުފިޔާއިން
ޖޫރިމަނާ  ކުރެވޭނެކަންވެސް މީރާއިން
މީގެކުރިންވަނީ އަންގާފައެވެ. ވިޔަފާރިތަކުން ޖީއެސްޓީ ހިސާބު ނުބެލެހެއްޓުމުގެ
ސަބަބުން އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނަމުން ނުދާކަން އެއޮތޯރިޓީން ފާހަގަކުރެއެވެ.