މީގެ ތިރީހަކަށް އަހަރު ކުރިއަށް ޖެހިލާއިރު، އާދެ! 1990ގެ އަހަރުތައް ނިމުމާ ހަމައަށް ޓީވީ ސެޓާއި ޓީވީއެމް އަކީ އެކައްޗެއްކަމަށް ބެލެވުނެވެ. ޓީވީއެމްގެ ޗެނަލްގެ އިތުރުން ވީސީއާރުން ފިލްމް ބެލުން އޮތީ ހަމަ އެކަނި މުނި ފޫހި ފިލުވަން އޮތް މަގެވެ.
މިހާރު އުމުރުން ތިރީސް އަހަރުން މަތީގެ ބޭފުޅުން ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުންނާނެއެވެ. ތިޔަ ބޭފުޅުނަށް ޓަކައި، ސްޕޮޓްލައިޓް، ކައްތިރި، ބަޚަބަރު، ސަޅި ބައިސާ، ދިރިއުޅުމަކީ މިއީބާ، އެހާރާއި މިހާރު ފަދަ ޝޯތައް؛ މިއިން ބައެއް ޝޯތަކަކީ ރޯދަ މަހު އެކަނި ގެނެސްދިން ޝޯތަކެވެ.
ރާއްޖެއަށް 90ގެ ތެރޭގައި ސެޓްލައިޓް ޓީވީ ތައާރަފް ވިއެވެ. ވަރަށް ގިނަ އާންމު ގޭގޭގައި ވެސް ގިނަ ޗެނަލްތައް އެޅުވޭ ފަދަ ބޯތަށިތައް ބަހައްޓާފައި ހުރެއެވެ. މުނިފޫހި ފިލުވައި މައުލޫމާތު ހޯދުމުގެ މުޅިން އެހެން ހަރުފަތަކަށް ދިވެހިރާއްޖެ ހިނގައްޖެއެވެ. ކުރިން ގަޑިން ގަޑިއަށް ޓީވީއެމްއިން ބަލަމުން ރޭޑިއޯއިން އަޑުއަހަމުން އައި ޚަބަރުތައް މިހާރު ކޮންމެ ގަޑިއަކު ސެންސަރު ކުރުމެއް ނެތި ލިބެން ފައްޓައިފިއެވެ. މިބޯތަށިތަކުން ބޭރުގެ ބޮޑެތި ޚަބަރު ޗެނަލްތަކާއި އިންޑިއާގެ މިއުޒިކް ޗެނަލްތަކާއި އަދި ޑްރާމާ ސިރީސްތައް ލިބެން ފެށިއެވެ.
މާގިނަ ދުވަސްތަކެއް ނުވަނީސް 2000ގެ ކުރީކޮޅު ގޭގެއަށް ކޭބަލް އަޅައިގެން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މީޑިއާނެޓްއިން ދޭން ފަށައިފިއެވެ. މި ޚިދުމަތާ އެކު ވަރަށް ގިނަ ޗެނަލްތައް އަޅުގަނޑުމެނަށް ލިބެން ފެށިއެވެ. ޒީޓީވީ، ސޮނީޓީވީ، ސްޓަރގެ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތަކަށް އަޅުގަނޑުމެން ފަރިތަ ވެއްޖެއެވެ. މިއާ އެކު އަޅުގަނޑުމެން ޝައުގުވެރިކަން ހުރި އެކިވައްތަރުގެ ކޮންޓެންޓް ބަލައިލުމުގެ ދޮރު ހުޅުވުނެވެ. އަދި ޗެނަލްތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހަމަ މިއާ އެއްހަމަ އެއްގައި އަޅުގަނޑުމެން ދިޔައީ ޗެނަލްތަކަށް އިތުރަށް ދެވިހިފަމުންނެވެ.
މުނިފޫހި ފިލުވުމުގެ އިތުރު ދޮރެއް ވޭތުވެދިޔަ ހަތަރު ފަސް އަހަރެއް ތެރޭގައި އަޅުގަނޑުމެނަށް އަލުން ހުޅުވުނެވެ. ނެޓްފްލިކްސްއާ އެމެޒަން ޕްރައިމް ފަދަ ސްޓްރީމިން ޗެނަލްތައް މިދަނީ އަޅުގަނޑުމެން ތެރޭގައި މަޤްބޫލުކަން ހޯދަމުންނެވެ.
ޓީވީއެމްއަކީ ދިވެހި ދައުލަތުން މުނިފޫހިފުލުވުމާއި އަންގައިދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި 1978ގައި އުފައްދާފައިވާ އިދާރާއެކެވެ. މިއަދު ގުނަމުން މި ދަނީ މި އިދާރާގެ 44 ވަނަ އަހަރެވެ. އެހެންނަމަވެސް ރާއްޖޭގެ ބްރޯޑްކާސްޓިން ތާރީޚު 59 އަހަރު މާޒީއެއް ކަޑަތުކޮށްފިއެވެ. ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށީ 1962ގައެވެ. މިއަދު ދައުލަތުގެ ޓީވީއާއި ރޭޑިއޯ މިވަނީ އެއް ކުންފުންޏެއް ކަމުގައިވާ ޕީއެސްއެމް ދަށުގައި މެނޭޖްކުރަމުންނެވެ. މިއަދު ޕަބްލިކް ސާވިސް މީޑިއާގެ ބެލުމުގެ ދަށުގައި ތިން ރޭޑިއޯ ޗެނަލާއި ހަތަރު ޓީވީ ޗެނަލަކާއި އޮންލައިން އަދި މޮބައިލް- އޯޓީޓީ (އޯވަރަ ދަ ޓޮޕް) ހިދުމަތް ދެމުން ގެންދާ ސްޓްރީމިން މަންސަ އެބަ ހުއްޓެވެ.
އަޅުގަނޑުމެނަށް އެންމެ ކުރިން ސްޓްރީމިންގެ ހިދުމަތެއް ތައާރަފުވީ ނެޓްފިލިކްސްއިންނެވެ. އެ ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ފީއަކަށް ފިލްމާއި ޓީވީ ޕްރޮގްރާމްތައް އޯޓީޓީ މަންސަގައި ސްޓްރީމްކުރުމެވެ. މިއީ 1997ގައ ގާއިމު ކުރެވުނު ކުންފުންޏެކެވެ. މި ކުންފުނިންވަނީ އެމީހުންގެ އަމިއްލަ އުފެއްދުންތައް 'ނެޓް ފްލިކްސް އޮރިޖިނަލް' ގެ ދަށުން 2013ވަނަ އަހަރުން ފެށިގެން ސްޓްރީމް ކުރަން ފަށައިފައެވެ. އަދި 2016 ހައި ތާނގައި، ނެޓްފްލިކްސްގެ ހިދުމަތް ވަނީ 190 ޤައުމަކުން ހޯދަން ފަށައިފައެވެ. އަދި އެ އަހަރު ނެޓްފްލިކްސްވަނީ އެހެން އެއްވެސް ކޭބަލް ޗެނަލްއަކަށް އެހައި ތަނަށް އުފެއްދިފައި ނުވާ ވަރަށް ގާތްގަނޑަކަށް 126 އުފެއްދުން ނެޓްފްލިކްސްއިން ގެނެސްދީފައެވެ. ކޮވިޑްގެ ފުރަބަނދުގައި ނެޓްފްލިކްސްގެ އޯޑިއަންސް ވަރަށް ބޮޑު ތަން އިތުރުވިއެވެ. އިންޑިއާއަށް ނެޓްފްލިކްސް ތައާރުފު ކުރީ ވަރަށް ބޮޑު އުއްމީދަކާ އެކުއެވެ. ނަމަވެސް އަމާޒު ކުރި ވަރުގެ އޯޑިއަންސެއް ނުލިބުނެވެ. މިލަނޑުދަނޑި ހާސިލު ނުވި ސަބަބު ނެޓްފްލިކްސްއިން ދަނީ ދިރާސާ ކުރަމުންނެވެ.
އެ މަޒަން ޕްރައިމްއަކީ ވެސް ނެޓްފްލިކްސް ފަދަ ސްޓްރީމިން ހިދްމަތް ދޭ ފަރާތެކެވެ. މިހާރު އެމޭޒަން ވަރަށް ހަލުވިކޮށް ކުރިއަރަމުން އަންނަ ކަމަށް ފާހަގަ ކުރެއެވެ. އެމޭޒަންގައި ވެސް ވަރަށް ގިނަ ފިލްމާއި ޝޯތަކާއި ޑޮކިއުމެންޓަރީ އެބަހުއްޓެެވެ. މިވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި މަޝްހޫރު ޗެނަލްތަކުން ވެސް ސްޓްރީމިންގެ ވިޔަފާރި ތެރެއަށް ވަދެއްޖެއެވެ. އެ ގޮތުން ޑިސްނީއާއި، ޒީއާއި ސޮނީންވެސް މި ވަނީ ސްޓްރީމިން ވިޔަފާރި ތެރޭގައި ހަރަކާތްތެރިވާން ފައްޓައިފައެވެ.
ވާދަވެރިކަން އޮތީ ބައިނަލް މާހައުލުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގައި ވެސް ޕީއެސްއެމް ކަނެކްޓާއި ދިރާގާއި މީޑިއާނެޓް ބައިސްކޯފާއި ލަވަފޮށިން ވެސް ދަނީ ސްޓްރީމް ޚިދްމަތް ދެމުންނެވެ.
މި ދިޔަ 20 އަހަރު ތެރޭގައި ދިވެހީން ބަލަން ބޭނުންވާ ކޮންޓެންޓްއަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. ކުރިން އަޅުގަނޑުމެން އާންމު ޓީވީން ބަލަމުން އައި ޝޯތަކާއި ސިޔާސީ ޕްރޮގްރާމްތަކުގެ އިތުރުން އޮންލައިންކޮށް ޑޮކިޔުމެންޓަރީތަކާއި ފިލްމާއި ޑްރާމާތައް ބެލުމުގެ ޝައުގުވެރިކަން މިވަނީ އުފެދިފައެވެ. ރިމޯޓުން ޓިވީ ޗެނަލް ބަދަލު ކުރުމުގެ ހިތްހަމަޖެހުން މިހާރު މާޒީއަށް ވުމުގެ ވަގުތު ޖެހެމުން މިހިރަ ދަނީއެވެ. އަޅުގަނޑުމެނަށް އެވަގުތަކު ހިތްގައިމުވާ ޝޯއެއް ހޯދަން އޮންލައިންކޮށް މިއަދު ސްކްރީން މައްޗަށް ތިރިއަށް ފުރޮޅަމުން އަރިމައްޗަށް ކަހަމުން އެންމެ ކަމުދާ ކޮންޓެންޓް ހޯދައިލަނީއެވެ.
އަޅުގަނޑުމެން ކުޑައިރު ސްކޫލުން އައިސް ހަވީރުގެ ވަގުތުގައި ޓިވީއެމްއިން ކޮންމެ ދުވަހަކު ގެނެސްދޭ ކާޓޫން ބަލަން އަޅުގަނޑުމެން ކުރާ އިންތިޒާރު އަޅުގަނޑުމެން އުމުރުގެ ބޭފުޅުން ހަނދާން ހުންނާނެއެވެ. މިއަދު ވެސް އަޅުގަނޑުމެން 'ޖީލް އެކްސް' ބޭފުޅުނަށް މުޅި އާއިލާ އެކު ޓީވީ ބަލައިލުމަކީ މާޒީގެ ޓީވީއެމް ހަނދާން ވާނެކަމެކެވެ. އަޅުގަނޑުމެނަށް އޭރު ޓީވީއަކީ ޓީ.ވީ.އެމްއެވެ.
ގިނަ ގޭގޭގައި 80ގެ ކުރީކޮޅު ޓީވީއެއް ނުހުރެއެވެ. ޓީވީ ބަލާނީ ހިސާބުގަނޑުގައި ހުންނަ ގެއެއްގެ ޓީވީއަކުން ހުރިހާ ރައްޓެހިނާ އެކުއެވެ.
މިއަދުގެ ޖީލު ގަޔާވަނީ އޮންލައިންކޮށް ކޮންޓެންޓް ބަލާށެވެ. އަޅުގަނޑުމެނަށް ފާހަގަކުރެވުނީ ވަރަށް ގިނަ ޒުވާނުން މިހާރު ކުޅިވަރު ވެސް ބަލަނީ އޮންލައިންކޮށް ކަމެވެ. މިއަދު ސްޓްރީމިން މަންސަތައް މިވަނީ ކުރިއަށް ޖެހިލާފައެވެ. ޒުވާނުން ޓީވީބަލަނީ ވަރަށް މަދުންނެވެ. ނުބަލާ ކަމަށް ބުނާ ޒުވާނުން ވެސް މަދެއް ނޫނެވެ. ޒުވާނުން ޓީވީ ބެލުން ހުއްޓާލައިފި ކަމަށް ދެންނެވުން ދޮގަކަށް ނުވާނެއެވެ. އަދި ޒުވާން ބެލެނިވެރިންގެ ދަރީންނަށް ކާޓޫނު ދައްކަނީ ވެސް ސްޓްރީމިން މަންސަތަކުންނެވެ.
ކުރިން މަސާލާ ޗެނަލް ގޮތަށް ހިންގަމުން ދިޔަ ޗެނަލްތަށް މިއަދު ހާއްޞަ ޗެނަލް ތަކަށް ބަދަލު ވެއްޖެއެވެ. ޚަބަރު، ކުޅިވަރު، ޑްރާމާ، ރޫހާނީ، ފިލްމް ދައްކާ ޗެނަލްތަކަށް ބަދަލުވެއްޖެއެވެ. މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެތޯއެވެ!
މިއަދު ސްޓްރީމިން ޗެނަލްތަކުން ލިބެން ހުރި ކޮންޓެންޓް ނިހާޔަތަަށް ގިނައެވެ. އެކި ވައްތަރުތަކުގެ ފިލްމާއި ޑޮކިއުމެންޓްރީއާއި ޝޯތައް އެތައް ބައިވަރު ސްޓްރީމިން މަންސައަކުން ފިސާރި އަގު ހެޔޮކޮށް ލިބެން އެބަ ހުއްޓެވެ. ސްޓްރީމިން މަންސަތަކުން އެދަނީ އެފަރާތްތަކުގެ އަމިއްލަ އުފެއްދުންތައް ވެސް ގެނެސްދެމުންނެވެ. މި ގޮތަށް ރާއްޖޭގެ ސްޓްރީމިން މަންސަތަކުން ވެސް އެދަނީ އެ ބައެއްގެ ޚާއްސަ އުފެއްދުންތައް ތައާރުފް ކުރަމުންނެވެ. މި އުފެއްދުންތައް ބަލަން ބޭނުން ނަމަ އެ މަންސައަށް އިސްތިރާކު ދައްކަން ޖެހެއެވެ.
އަޅުގަނޑުމެންނަށް މި ހައި ހިސާބަށް ކޭބަލް ޓިވީގެ ހިދުމަތެއް ޔަޤީންކަމާ އެކު ފޯރުކޮށްދީފައި މިވަނީ މީޑިއާނެޓުންނެވެ. މިޑިއާނެޓްގެ އަގުތަކާއި ޕެކޭޖްތަކުގެ ޝަކުވާތަކެއް ހުރެއެވެ. މި މާރކެޓްގައި ވާދަވެރިކަން އޮންނަންޖެހޭކަމަށް ޤަބޫލު ކުރެވެ އެވެ. އެއްވެސް މާރކެޓެއް މޮނޮޕްލީއެއް އޮތުމަކީ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަޅުގަނޑުމެން ޓެލެކޮމް މުއާސަލާތުގައި މި ތަޖްރިބާ ކުރެވުނެވެ. އަދި އައި ބަދަލު ދިވެހިން ތަޖްރިބާ ކޮށްފައި ވާނެއެވެ.
އަދުގެ ހާލަތަށް ބަލައިލަމާތޯއެވެ! ކޮންމެވެސް ވަރެއްގެ ހައްލެއް އަތުވެއްޖެއެވެ. މިފަހަރު އަޅުގަނޑުމެނަށް ތަސައްލީއެއް ދޭން ނުކުތީ ކުރީގެ ޓެލެކޮމް މޮނޮޕްލީއެއް ކަމުގައިވާ ދިރާގެވެ. މިއަދު އަޅުގަނޑުމެންނަށް އިޚްތިޔާރުކުރުމުގެ ފުރުޞަތު އެބަ ލިބެއެވެ. އަގަށް ބަދަލު އަތުވެއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެން ނަމަވެސް އަދިވެސް އޯޑިއަންސް ބޭނުންވާ ކޮންޓެންޓާއި ޕެކޭޖްތަކުގެ އަގާ ދިމައެއް ނުވެއެވެ.
އަޅުގަނޑުމެނަށް އެނގޭ ކަމަކީ އޯޑިިިއަންސަށް ކަމުނުދާ ކޮންޓެންޓެއް ބަލާކަށް އެއްވެސް މަންސައަކަށް އިސްތިރާކު ދީގެން ނުތިބޭނެކަމެވެ. ކަމުދާ އުފެއްދުން ހުރި މަންސައަކަށް ބަދަލުވާނެކަމެވެ. އެހެންކަމުން ހުރިހާ މަންސައަކުން ވެސް މަސަައްކަތްކުރާނީ އޯޑިއަންސް ހިފެހެއްޓުމަށް ޓަކައި އެ މީހުން ހިތްހަމަ ޖެހޭކަހަލަ އުފެއްދުންތަކެއް ގެނެސްދެވޭތޯއެވެ. އޯޑިއަސް ފުޅާކޮށް އެމީހުން ހިފޭއްޓުމަށް ކޮންޓެންޓަަށް އިންވެސްޓްކުރަންޖެއެވެ. މުއްސަނދި އަރްޝީފެއްގެ އުފެއްދުންތަކަކީ އޯޑިއަންސް ގެނެވޭނެ އަދި ހިފޭއްޓޭނެ ކޮންޓެންޓެއް ނޫނެވެ. މުއްސަނދި އަރްޝީފެއް ބޭނުންކޮށްގެން އިޖާބީ އުފެއްދުންތަކެއް ނެރެވިއްޖެ ނަމަ، ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިދާނެއެވެ.
އަދުގެ ޖީލުން އެދޭ ގޮތަކީ ހުރިހާ ކަމެއް ވެސް އެމީހުން އިނގިލި ތަކުގެ ކުރީގައި ހުރުމެވެ. ސްޓްރީމިންއަށް މިވަރު މަޤްބޫލުކަމެއް ލިބިގެން އުޅޭ ސަބަބަކީ ކޮންމެ ކޮންޓެންޓެއް ވެސް ކޮންމެ ގަޑިއަކު ބަލާލެވޭނެ ފުރުޞަތު އޮތުމެވެ. ސްޓްރީމިން ކޮންޓެންޓް ބަލާލުމަށް ވަގުތެއް ނޯވެއެވެ. މަސައްކަތުގެ ހުސްގަޑިތަކާއި ރައްޓެހިންނާ އެކު ކޮފީ ކެފޭތަކުގައި ކޮފީގައި ތިބެގެން ވެސް ބަލާލަންވީއެވެ.
ސްޓްރީމިން މަަންސައެއް ކުރިއަށް ގެންދިއުމަށް ޓަކައި އެންމެ މުހިންމުކަމަކީ އާ އުފެއްދުންތަކެވެ. މިރާއްޖޭގެ ސްޓްރީމިން މަންސަތަކަށް ވެސް އެކަަށީގެންވާ ވަރަށް ކޮންޓެންޓް ތައްޔާރު ކުރެވިދާނެއެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ބްރޯޑްކާސްޓިން ހުޅުވާލެވުނު އިރާއި މިއަދާއި ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. މިއަދު ކޮންޓެންޓް އުފައްދަން ބޭނުންކުރާ އާލާތް ހުރީ އަތްފޯރާ ފަށުގައެވެ. އަދި އަޅުގަނޑުމެންގެ ޒުވާން ޖީލު މިއަދު މިއޮތީ މިފަދަ ފަންނީ މަސައްކަތާއި ހުނަރު ދައްކަން ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ޓިކްޓޮކަށް އެކަނި ބެއްލެވިޔަސް މި ދަންނަވާ އެއްޗެއް ސާފުވެވަޑައިގަންނަވާނެއެވެ.
މި މަހުތެރޭގައި އަޅުގަނޑުމެނަށް އިވުނީ ދިވެހި ސަރުކާރުން ސްޕޭސްއެކްސާ އެކު އިންޓަރނެޓް ރާއްޖެއަށް ގެންނަން މަޝްވަރާކުރެވުނު ވާހަކައެވެ. އިންޓަނެޓް އަގުހޮޔޮވުމަކީ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކު ވެސް އުފާކޮށް މަރްހަބާ ކިޔާނެކެމެވެ. މި ދެކެވެނީ ވަރަށް ބޮޑު ވާހަކައެކެވެ. އަދި މީގެ އިތުރުން ސަރުކާރުން މިވަނީ ސަބްމެރައިން ކޭބަލެއް ވެސް އިންޓަނެޓް ލިބޭގޮތަށް ރާއްޖެއަށް ވެއްދުމުގެ މަސައްކަތް ފަށްޓަވައިފައެވެ.
ފަންނިއްޔާތުގެ ފަހި ދިޔަދޮވި ތެރޭގައި މިހެން ހުރި ކަންކަން ފަހިކަޮށް އޮއްސިގެން އަޅުގަނޑުމެންނަށް ލިބިއްޖެ ނަމަ އަޅުގަނޑު ދެކެނީ އިންޓަނެޓް އަގުހެޔޮ ވާނެ ކަމަށެވެ. ނަތީޖާއަކީ އަޅުގަނޑުމެންގެތެރޭ ހުރި ސްޓްރީމިން މަންސަތައް، ރާއްޖޭގައި ހުރި އިންޓަނެޓް ޚިދްމަތްދޭ ފަރާތްތަކަށް ބަރޯސާ ނުވެ ޚިދަމަތް ދެވޭނެ ކަމަށެވެ. ޚާއްސަކޮށް ވާދަވެރިކަމުގެ އަރާރުމެއް އޮތްތަން، އަޅުގަނޑުމެނަށް އެބަ ފެނެއެވެ. އިންޓަނެޓް ހިދްމަތްދޭ ފަރާތްތަކުން ހިންގާ ސްޓްރީމިން މަންސަތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ މަންސަތަކުގެ މެދުގައި ވަދާވެރިކަން އޮންނާނީ ހަމަހަމަ މައިދާނަގެންގައެއް ނޫނެވެ.
އިންޓެނެޓް އަގުހެޔޮ ވެއްޖެ ނަމަ މިއަދު ޓީވީ ޗެނަލްތަކުން ހަމަ އެކަނި ރާއްޖޭގައި އޮތް ކޭބަލްޓީވީ އޮޕްރޭޓަރަށް ބަރޯސާ ވެގެން ތިބޭ ތިބުން ނިމުމަށް އަންނާނެއެވެ. މިއަދު ޗެނަލް ހިންގާ ފަރާތްތަކުގެ އޮޕަރޭޓިން ހަރަދުގެ ބޮޑު އެއްޗެއް ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކުރެއެވެ. ޗެނަލްތައް ސްޓްރީމް ކުރީމައި ހިންގުމުގެ ހަރަދު ހިފާނީ ހިދްމަތް ހޯދާ ފަރާތުންނެވެ.
ނޫސްވެރިކަން ހުޅުވައިލުމުން ނޫސްވެރިކަން އިތުރުވެ ގިނަވި ވަރު އަޅުގަނޑުމެނަށް ތަޖްރިބާ ކުރެވުނެވެ. އަދި އެކަމުން އެތައް ވަޒީފާތަކެއް މި ވަނީ އުފެދިފައެވެ. އެހެނަސް ބްރޯޑްކާސްޓް ކުރާ ރޭޑިއޯއާއި ޓީވީ ޗެނަލްތައް ގިނަވެގެން ނުދެއެވެ. ސަބަބަކީ ބްރޯޑްކާސްޓް ކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ ހަރަދު ބޮޑު ދެކޮޅު ނުޖެއްސޭ ކަމަކަށް ވެފައިވާތީއެވެ.
ސްޓްރީމިންއަށް އަޅުގަނޑުމެން ބަދަލުވެވުނީމައި ބްރޯޑްކާސްޓިން ހަރަދު ދެކޮޅު ޖައްސައިގެން ކުރެވިދާނެއެވެ. މިއަދު ބްރޯޑްކާސްޓިންއަށް ބެނުންކުރާ އާލަތްތައް މިވަނީ ވަރަށް ބޮޑުތަން އަގު ހެޔޮވެފައެވެ. އަދި އަޅުގަނޑުމެން ގެންގުޅޭ ފޯނާއި ކެމެރާ ފަދަ ތަކެތިވެސް ބްރޯޑްކާސްޓިން ބޭނުންތަކަށް ބޭނުން ކުރަމުން ދެއެވެ.
މިއަދުގެ ހާލަތުގައި އިންޓަނެޓް ހިދްމަތްދޭ ބައިވެރިއެއް ނެތި ރާއްޖޭގައި ސްޓްރީމިން ކާމިޔާބު ކުރުމަކީ އުނދަގޫކަމެވެ. ކުރިއަށް އޮތް ތަނުގައި ސްޓްރީމިން މަންސަތައް އިތުރުވީމާ ވަރަށް ގިނަ ވަޒީފާތައް ކޮންޓެންޓް ދާއިރާއިން އިތުރުވާނެއެވެ. އަދި ސްޓްރީމިން މަންސަތައް ވެސް އިތުރުވާނެއެވެ. ސްޓްރީމިން މަންސަތައް އިތުރުވާ އިރު ސްޓްރީމިން ޗެނަލްތައް ވެސް އުފެއްދޭނެ މަގު ބްރޯޑްކާސްޓިން ޤާނޫނުގެ ތެރެއިން ފަހިކޮށްދޭން ވާނެއެވެ.
މިހާރު އަޅުގަނޑުމެންނަށް ލިބޭ ނެޓްފްލިކްސާއި އެމޭޒަން ޕްރައިމް ފަދަ ސްޓްރީމިން މަންސަތަކަށް އަޅުގަނޑުމެން ކެބަލް ޓީވީން ބަލާ ޗެނަލްތަކުގެ ޚިދްމަތް ދޭން ފަށައިފި ނަމަ މުޅި މަންޒަރު ބަދަލުވާނެއެވެ. ހަމަ ގައިމުވެސް މިހާރު އަޅުގަނޑުމެން ކޭބަލް ޓީވީ ބަލަން ކުރާ ހަރަދަށް ވުރެ ކުޑަ ވާނެކަމަށް ލަފާކުރެވެއެވެ.
މިއަށް އިތުރު ފުރިހަމަ ކަމެއް އަންނާނީ ދުނިޔެއަށް މި ސްޓްރީމް ކުރަމުންދާ ނެޓްފްލިކްސާއި އެމޭޒަން ފަދަ މަންސަތަކަށް ދިވެހިންގެ އުފެއްދުންތައް ނަގަން ފެއްޓީމައެވެ. މިއީ ނުވާނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. މިހާރު ވެސް މިއުޒިކް އެޕެއް ކަމުގައިވާ ސްޕޮޓިފައިގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ވަނީ ހިމެނިފައެވެ.
ކޮންޓެންޓަކީ ރަސްގެފާނޭ ބުނެއެވެ. ރަނގަޅު ފެންވަރުގެ ކޮންޓެންޓް ތައްޔާރު ކުރެވުނީމައި އެންމެވެސް އެ ބޭނުންވާނެއެވެ. މިއަދު ވަކި ބޭފުޅެއްގެ ހުއްދަ ހޯދައިގެން އުފެއްދުން އާންމު ކުރަން ހުންނާކަށް ނުޖެހެއެވެ. މީސްމީޑިއާގެ އެތަށް އާލާތެއް އެއޮތީ ހުޅުވިފައެވެ. މި އާލަތްތަށް ބޭނުންކޮށްގެން އުފެެއްދުމަށް ސަމާލުކަން ހޯދިދާނެއެވެ. އަދި އުފެެެއްދުންތަކަށް މާކެޓާއި ހުނަރަށް އަގު ލިބިދާނެއެވެ.
އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.