ނެޓްފްލިކްސްއާ ގުޅިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ޝޫޓިން މިމަހު ފަހުކޮޅު ފަށަން ނިންމައިފިއެވެ.
މި ސީރީޒް ޝޫޓްކުރާނީ އިންޑިއާގެ މުމްބާއީގައި ހުންނަ ފިލްމު ސިޓީގައެވެ. މި ސިރީޒްގެ ބޭނުންވާ ސެޓް މިހާރުވަނީ ތައްޔާރުކޮށް ނިންމާފައެވެ. މި ސެޓަކީ ގާތްގަޑަކަށް 1.75 ކްރޯޑް ރުޕީސްގެ އަގު ބޮޑު ސެޓެކެވެ.
"ހީރާ މަންޑީ" އަކީ ގިނަ އަދަދެއްގެ އަންހެން ތަރިން ފެނިގެންދާ ވަރަށް ބޮޑަށް މިއުޒިކާއި ނެށުން ވެސް ހިމެނޭނެ ސީރީޒްއެކެވެ. މި ސިރީޒަށް ބޭނުންވާ ނެށުންތަކަށް ކޮރިއެގްރާފް ކުރަން ބަންސާލީ ފުރަތަމަ ހުށަހެޅީ ޕަންޑިތް ބިރުޖޫ މަހާރާޖަށެވެ. އެހެންނަމަވެސް މަސައްކަތް ނުފެށެނީސް ޕަންޑިތް ވަނީ މަރުވެފައެވެ. އޭގެފަހުން ދެން ބަންސާލީ މި މަސައްކަތް ހުށައެޅި އެނާގެ ބައެއް ފިލްމުތަކުގައިވެސް ކްރިއޯގަރަފީ ހަދާދީފައިވާ މަޝްހޫރު ސަރޯޖް ޚާނަށެވެ. އެހެންނަމަވެސް އެނާވެސް މި ދުނިޔެއާއި ވަކިވެގެންދިޔައީ ސީރީޒްގެ މަސައްކަތްތަށް ނުފެށި އުޅެނިކޮށެވެ.
މި ސަބަބުތަކާއި ހެދި މިހާރު ބޮޑަށް ބެލެވެނީ މި ލަވަތަކަށް ކޮރިއޯގްރާފް ކުރާނީ ބަންސާލީ އަމިއްލައަށް ކަމަށެވެ. ބަންސާލީ ވަނީ އައިޝްވާރީޔާގެ "ގުޒާރިޝް" ގެ ލަވަތައްވެސް އަމިއްލައަށް ކޮރިއޯގްރާފްކޮށްފައެވެ.
"ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން އެ ގައުމުގެ ބައެއްގެ ގޮތުގައި ކުރިން އޮތް އަދި މިހާރު ޕާކިސްތާންގެ ސިޓީއެއް ކަމަށްވާ ލާހޯރުގައި އުޅުނު "ޝާހީ" ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.
މިދިޔަ އަހަރު އިއުލާނުކޮށްފައިވާ ބަންސާލީ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" އަކީ ވަރަށް ގްރޭންޑްކޮށް ފުރަތަމަ ސީޒަންގައި 7 އެޕިސޯޑް އެކުލެވޭ ގޮތަށް އުފައްދާ ސީރީޒެކެވެ.