ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީ ނެރުނު ފޮތަކީ މުޖުތަމަޢަށް ދޫކޮށްލި ވަރަށް އަގުހުރި ހަދިޔާއެއްކަމަށް، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސާއިލް ލިޔެފައިވާ "އެދުވަސް ގެނެވޭނެ" ފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން އަނީސާ ވިދާޅުވީ އަދިވެސް މިފަދަ ވާހަތައް ހިއްސާކުރުމަކީ ގިނަ މީހުން ފަސްޖެހޭކަމެއްކަމަށެވެ.
ނޫސްވެރިޔާ އަޙްމަދު ސާއިލް އަޙްމަދުގެ "އެދުވަސް ގެނެވޭނެ" ފޮތް ނެރެދެއްވީ އެކަމައްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނިޝާންޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނީސާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވެފައިވާ މިފަދަ ދުވަސްވަރެއްގައި އަމިއްލަ ދިރިއުޅުމުގައި ދިމާވި ތަޖުރިބާތައް ހިއްސާކޮށް ދިރާސީ ޢިލްމުގެ މައްޗަށް ބިނާކޮށް ސާއިލް ލިޔުނު ފޮތަކީ މުޅި މުޖުތަމަޢަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ފޮތެއްކަމަށެވެ.
އަދި މިފޮތުގެ ސަބަބުން މިފަދަ ބަލިމަޑުކަން ކުރިމަތިވެފައިވާ މީހުންނަށް އުންމީދެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް، ރާއްޖޭގައި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި އަދި ދައުލަތަށް އެކި ރޮނގުރޮނގުން އަގުހުރި އެތައް ޚިދުމަތްތަކެއް ކުރެއްވި އަނީސާވަނީ ވިދާޅުވެފައެވެ.
"އަމިއްލަ ދިރިއުޅުމުގަ ދިމާވާ ކަންކަމާއި ނަފްސާނީ ބަލީގެ އުނދަގޫތަކުގެ ވާހަކަތައް ދެއްކުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫކަމެއް. ސާއިލްގެ މިފޮތަކީ މިގޮތުން މުޖުތަމަޢަށް ދޫކޮށްދިން ހަދިޔާއެއް. މީގެން އެނގިގެންދާނެ ވޭންތަކުން އަދި ރުއިންތަކުންއަރައިގަނެވި އެދުވަސް ގެނެވޭނެކަން." އަނީސާ ވިދާޅުވިއެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ސާއިލް ބުނީ މިފޮތަކީ ކުޑައިރުން ފެށިގެން ކުރިމަތިވި ނަފްސާނީ އެކި ބަލިތަކުން އަރައިގަތުމަށްކުރި ދަތުރުގެ މައްޗަށް ބިނާކޮށް ލިޔުނު ފޮތެއްކަމަށެވެ. އަދި ތިމާފަދައިން އަނެކާއަށްވެސް މިފަދަ ކަމެއް މެދުވެރިވެ އަރައިގަނެވުނުކަން އެނގިގެން ދިޔުމަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް ލިބޭ ވަރަށް ބޮޑު އުއްމީދެއްކަމަށް އަމިއްލަ ތަޖުރިބާއިން އެނގުނުކަމަށެވެ. އެހެންކަމުން މިފޮތުގެ ސަބަބުން އޭނާއަށް އާދުވަހެއް ހޯދުނުފަދައިން އެހެން މީހުންނަށްވެސް އެފުރުސަތު އޮތްކަން އެންގައިދިނުމަކީ ސާއިލްގެ މަޤްސަދެވެ. އެގޮތުން މިފޮތަކީ ތެރަޕީގެ ގޮތުގައި ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ބޭނުންކުރެވޭނެ ފޮތެއްކަން ސާއިލްވަނީ ފާހަގަކޮށްފައެވެ.
"ކުޑައިރުވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވި. އެންޒައިޓީއާއި އޯސީޑީއާއި ޕެނިކް އެޓޭކްސްއާއި ޑިޕްރެޝަންގައިވެސް އުޅުނިން. އެހުރިހާކަމެއްގައި ކުރެވުނު ތަޖުރިބާއާއި ރާއްޖެއިން ޢާއްމުކޮށް ފެންނަ ނަފްސާނީ ބަލިތަކާއި ގުޅޭ މައްސަލަތަކަށްވެސް މިފޮތުގައި ތަފްސީލުކޮށް ބަލާފައިވާނެ." ސާއިލް ވިދާޅުވިއެވެ.
ޢިލްމީ ދިރާސާތަކުގެ މައްޗަށް ނެރުނު "އެދުވަސް ގެނެވޭނެ" ފޮތް ނެރުމުގައި ރާއްޖޭގެ މެންޓަލް ހެލްތު ދާއިރާގެ ފުންނާބުއުސް ފަރާތްތަކާއި މެޑިކަލް ދާއިރާއިން ޑޮކްޓަރުންގެ އެހީތެރިކަންވަނީ ލިބިގެންގޮސްފައެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރާ ފަރާތްތަކާއި ސާއިލްއަށް ހެޔޮއެދޭ ގިނަބައެއްގެ އެހީތެރިކަން މިފޮތް ނެރުމުގައި ލިބިފައިވާކަން ސާއިލްވަނީ ފާހަގަކޮށްފައެވެ.
ސާއިލްގެ ފޮތް ނެރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގިނަބަޔަކުވަނީ މިފޮތްގަނެފައެވެ. އަދި ރާއްޖޭގެ ބުކްޝޮޕްތަކުން މިހާރު މިފޮތް ގަންނަން ލިބެން ހުންނާނެކަމަށް ސާއިލްގެ ޓީމުން ބުނެއެވެ.