ޚަބަރު

ޓެކްސީ ޚިދުމަތާއި ތެލުގެ އަގު ދިމާނުވަނީތަ؟


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ޓެކްސީ ކުރުމަށް ކުރާ ހޭދަ ބޮޑުވެފައިވާކަމަށް ބުނެ ޓެކްސީކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ އަގުތައް ބޮޑުކޮށްދިނުމަށް ޓެކްސީ ސެންޓަރުތަކުންވަނީ އެދިފައެވެ. އެހެންނަމަވެސް ކަމާބެހޭ އިދާރާއިން މިކަމަށް އަދި ވަކި ޖަވާބެއް ލިބިފައިނުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޓެކްސީ ޑްރައިވަރުންވަނީ އިހުތިޖާޖުކުރަންވެސް ފަށާފައެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން މުޅި ދުނިޔޭގައިވެސް ގިނަ ޚިދުމަތްތައްކެއްގެ އަގަށް ބޮޑު ބަދަލެއް އަންނާނެކަމަށް މީގެކުރިން ލަފާކުރެވުނެވެ. އެހެންނަމަވެސް އޯޕެކްގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމުމާއެކު އަރަމުންދިޔަ ތެލުގެ އަގުވަނީ ދުނިޔޭގެ ބާޒާރުގައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވެއްޓެންފަށާފައެވެ. ކަން މިހެން އޮތްއިރުވެސް ޓެކްސީ ޑްރައިވަރުންވަނީ އިހުތިޖާޖަށް ނުކުމެފައެވެ.

ޑްރައިވަރުންގެ ކަންބޮޑުވުންތައް މިހެން ހުރިއިރު، ޢާއްމުންގެތެރެއިން ގިނަބަޔަކު ދެކޭގޮތުގައި ޓެކްސީ ޚިދުމަތުގެ އަދު މިހާތަނަށް އިންތިޒާމުކޮށްފައި ހުރީވެސް ހަމަޖެހޭ ގޮތަކަށް ނޫނެވެ. ޢާއްމުންގެ ތެރެއން ބައެއް މީހުންނަށް މިހާރު ހުރި އަގުތައްވެސް ބޮޑެވެ. އެންމެ ރަނގަޅު ގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުންކަމަށް އެއްބަޔަކު ދެކެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި ތެލުގެ އަގާ އަޅާބަލާއިރު، އަގު މިހާރުވެސް ބޮޑެވެ. އަދި ލެތުގެ އަގު މައްޗަށް ދިއުމުން މީގެކުރިން ޚިދުމަތުގެ އަގުތައް ބޮޑުވެ، ތެލުގެ އަގު ދަށްވުމުން ޚިދުމަތުގެ އަގު ދަށްނުވުމަކީވެސް ބައެއް މީހުންނަށް މައްސަލައެކެވެ.

ޓެކްސީކުރަން ތެލަށް ހޭދަވަނީ ކިހާ ވަރެއް؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މީގެކުރިންވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިއިން ކޮންމެފަހަރަކު ޓެކްސީގެ އަގުތަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

ޓެކްސީ ކުރުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެފައިވާކަމަށް ބުނާއިރު މިކަމުގެ ދެކޮޅު ބަލާލަންޖެހެއެވެ. މިސާލަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ހިޔާ ފްލެޓުތަކާ ހިސާބަށް އެއީ ގާތްގަނޑަކަށް 12 ވަރަކަށް ކިލޯމީޓަރެވެ. މިދޭތެރޭގައި ދަތުރުކުރުމަށް "ހެވީ ޓްރެފިކް" ނުވަތަ މަގުތައް ބާރު ބޮޑުވެގެން ނުދުއްވޭ ޙާލަތެއް މެދުވެރި ނުވާނަމަ ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ދެވޭނެކަމަށް ބެލެވެއެވެ.

މާލޭގައި ޓެކްސީ ކުރުމަށް ޢާއްމުކޮށް ބޭނުންކުރާ ވައްތަރުގެ ކާރުތަކުން ތެޔޮ އަނދާނީ އެވްރެޖްކޮށް ކޮންމެ 100 ކިލޯމީޓަރަކަށް 7 ލީޓަރާއި 8 ލީޓަރާ ދެމެދުގެ ޢަދަދަކަށެވެ. އެއީ އެވްރެޖްކޮށް ގަޑިއިރަކަށް ބަލާނަމަ 1.2 ލީޓަރުގެ ތެލެވެ. އެހެންނަމަވެސް ކާރުގެ އިންޖީންގެ ބާވަތާއި އޭސީ ބޭނުންކުރާ ނިސްބަތުން ތެޔޮ އަނދާ މިންވަރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެދާނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ތެލުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިމަހުގެ 5ވަނަ ދުވަހުގައެވެ. އޭރު ބޮޑުކޮށްފައިވަނީ ޕެޓްރޯލް ލީޓަރެއް 14.60އަށެވެ. ބޮޑުވެފައިވަނީ ލީޓަރަކުން 1.62އެވެ. މިބަދަލާއެކު ޓެކްސީކުރާ އަގަށް ބަދަލުގެނައުމަށް ޓެކްސީ ޑްރައިވަރުން އަންނަނީ އެދެމުންނެވެ.

މިވަގުތު ސަރުކާރުން ހަދާފައިވާ އަގުތަކަށް ބަލާއިރު މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި އަދި ދެވަނަ ފިޔަވަހީގެ އެތެރޭގައި ނަމަ އެއިން ކޮންމެ ސަރަޙާއްދަކުންވެސް ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 25 ރުފިޔާއެވެ. އަދި ހުޅުމާލޭ އެއް ފިޔަވަހިން އަނެއް ފިޔަވައްސަށް ކަމުގައިވާނަމަ ދަތުރަކަށް 40 ރުފިޔާއެވެ. މާލެއާއި ހުޅުމާލެއިން ވިޔަސް ހުޅުލެއަށް އަދި ހުޅުލެއިން މިދެ ސަރަޙައްދަށް ދިޔަނަމަވެސް ދަތުރަކަށް 60 ރުފިޔާއެވެ. މާލެއިން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް އަދި ހުޅުލެއިންވެސް ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް ދަތުރުކޮށްދެވޭނީ 75 ރުފިޔާއަށެވެ. މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރަކަށް 90 ރުފިޔާ ނެގޭއިރު މެންދަމު 12 ފަހުންނަމަ މިއިން ހުރިހާ ސަރަޙައްދަކަށް ކަނޑައެޅިފައިވާ އަގަށް 5 ރުފިޔާ އިތުރަށް ދައްކަންޖެހެއެވެ.

އެހެންކަމުން މިއަގުތަކުގައި މާލޭ އިންޑަސްޓްރިއަލް ސަރަޙައްދުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓަށް ދަތުރުކޮށްދެނީ 12 ކިލޯމީޓަރަށް 90 ރުފިޔާއަށެވެ. ގާތްގަނޑަކަށް ބައިގަޑިއިރުގެ ދަތުރަކަށް ހޭދަވާނެ ތެލުގެ އަގަށް އަރާނެކަމަށް ލަފާކުރެވެނީ 8.76 އެވެ. އެއީ ގަޑިއިރަކަށްނަމަ 17.52އެވެ. ޓެކްސީތަކުގެ އިންޖީނާއި އޭސީ ބޭނުންކުރާ ނިސްބަތާއި މަގުމަތީގެ ޓްރެފިކަށް ބަލާފައި ތެޔޮ އަނދާ ނިސްބަތުގެ އަންދާޒާއަކަށް ބަލާނަމަވެސް މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރަކަށް ހޭދަވާނެ ތެލުގެ ޚަރަދު 20 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެއެވެ.

ޑްރައިވަރުގެ ވަގުތާއި ޓެކްސީ ކުރަނީ ކުލީ ކާރުގައި ކަމުގައިވާނަމަވެސް މިހާރު ކަނޑައަޅާފައި ހުރި އަގުތަކަކީ ހަމަޖެހޭ އެކަށީގެންވާ ވަރަށްވުރެވެސް ޑްރައިވަރުންނަށް ރަނގަޅު އަގުތަކެއްކަމަށް ގިނަ ޢާއްމުންދެކެއެވެ.

8 ގަޑިއިރު ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދުވާލެއްގެ މައްޗަށް ޖޭހޭނީ އެވްރެޖުކޮށް 150އާއި 160އާ ދެމެދުގެ ޢަދަދެއްގެ މުސާރައެކެވެ. ޢާއްމުކޮށް ޓެކްސީ ކުރާ މީހަކަށް މިޢަދަދަށްވުރެ މާ ރަނގަޅު އެއްޗެއް ޖެހޭކަމަށް ޓެކްސީ ޑްރައިވަރުންވެސް ބުނެއެވެ. އަދި އިތުރަށް ޢާމްދަނީ ހޯދުމުގެ ފުރުސަތުވެސް އެމީހުންނަށް އެބައޮތެވެ.

ޓެކްސީކޮށްދޭ ރޭޓުތަކާމެދު ޓެކްސީކުރާ މީހުން ހިތްހަމަނުޖެހުން ފާޅުކޮށް އާދަޔާ ޚިލާފު ބޮޑުއަގުގައި ޓެކްސީ ކުރާކަމުގެ ޝަކުވާ ބޮޑުވެ މިމައްސަލައަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސަރުކާރުންވަނީ މިހާރު ދީފައެވެ.

މާލޭގައި ޓެކްސީތަކުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ބައެއް ޓެކްސީތަކުގެ ސާފުތާހިރުކަން ކުޑަވުމާއި ޓެކްސީތައް ބާވެ އެކަމުގެ ޝަކުވާތައްވެސް ޢާއްމުން ކުރެއެވެ. އަދި ބައެއް ވަގުތުތަކުގައި ޓެކްސީ ލިބުމަކީވެސް ގިނަ ދަތިތަކެއް ޢާއްމުނަށް ކުރިމަތިވާ މައްސަލައެވެ. އަދި ވަކި ސަރަޙައްދަކަމަށް ދިޔުމަށް ނޫނީ މާލެއިން ޓެކްސީ ޑްރައިވަރުން ދަތުރުކުރަން އެއްބަސްނުވާކަމުގެ ޝަކުވާވެސްވަނީ ބޮޑުވެފައެވެ.

މިހުރިހާ ކަމެއް ޙައްލުކުރުމަށް މަސައްކަތްކުރާކަމަށް ސަރުކާރާއި ޓެކްސީ ސެންޓަރުތަކުންވެސް ބުނެއެވެ. އެހެންނަމަވެސް މިފަހަރު މައްސަލަ ހޫނުވީ ތެލުގެ އަގު ބޮޑުކަމަށްބުނެ އަގުތައް މަތިކުރަން ޑިމާންޑުކުރި ހިސާބުންނެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު ދިރިއުޅުމުގެ އަސާސީ ކިތައްމެ ކަމެއްގެ އަގުތައް މައްޗަށް ޖެހޭނެއެވެ. އެހެންނަމަވެސް އެކަންކަން ކޮންޓްރޯލްކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ޤައުމުތައް ގުޅިގެން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެހެންކަމުން މިފަދަ ދަނޑިވަޅުތަކަކީ ޤައުމީ ފެންވަރުގައި ވިސްނުން އިސްކޮށް ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް ވިޔަފާރިތަކާއި މަރުކަޒީ ބޭންކުތައް ގުޅިގެން ތެދުވަންޖެހޭ ވަގުތެވެ. ތެލުގެ އަގުމައްޗަށްދާ ކޮންމެފަހަރަކު ހުރިހާ ޚިދުމަތަކާއި މުދަލެއްގެ އަގު ބޮޑުކުރާނަމަ، އެއަގުދައްކާ ޢާއްމު ރައްޔިތުން އަގުދައްކާނެ ފައިސާ ހޯދާނީ ކިހިނެއްތޯވެސް ވިސްނާލުން މުހިންމެވެ. އެހެންނޫންނަމަ މިއީ ޢާއްމު ރައްޔިތުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހި ނުތަނަވަސްކަމާ ކުރިމަތިވެދާނެކަމެކެވެ.