ޚަބަރު

ހިޔާގެ ފިނިޝިން ކުރިއަށްގޮސްފައިވާ މިންވަރު ބަލަން ފަށައިފި


ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމަށް އެޗްޑީސީން ސަރވޭއެއް ފަށައިފިއެވެ.

މިސަރވޭ ފަށާފައިވަނީ މިއަދު ހެނދުނު 10:00 ޖެހިއިރުގައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދާ މިސަރވޭ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެޗްޑީސީން ވިދާޅުވީ މިސަރވޭގައި މަޢުލޫމާތު ސާފުކުރުމަށް ހިޔާގެ ހުރިހާ ފްލެޓަކަށް އެޗްޑީސީގެ ޓީމުތަކުން ހެނދުނު 10:00 އަކާއި ރޭގަނޑު 8:00 އާދެމެދުގެ ގަޑިތަކުގައި ދާނެކަމަށެވެ.

މިސަރވޭ ކުރިއަށްގެންދަނީ ހިޔާ ފެލެޓުތަކުގެ ފިނިޝިންގ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި އަދިވެސް އެހެނިހެން ބައެއް ޚިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެ އެކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުޙައްމަދު ޞާލިޙު ވަނީ ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު 3 މަހަށް ފަސްކޮށްދެއްވާފައެވެ. މިމުއްދަތު މި މަޗްމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެޗްޑީސީން މަސައްކަތް ކުރަމުންދަނީ މިމުއްދަތު ހަމަވާއިރު ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ދެނެގަތުމެވެ.

ހިޔާގެ ޓަވަރުތަކުގެ ޢާއްމުތަންތަނާއި ޚިދުމަތްތަކާއި އަދި ޢިމާރާތް މެނޭޖްކުރަން ހިޔާގެ ފްލެޓުވެރިން އިންތިޚާބުކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ކޯޕަރޭޓް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށްކަމަށެވެ. އަދި ހިޔާ ޓަވަރުތަކުގެ ޢާއްމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތާ ގުޅޭގޮތުން ޚިޔާލު ހޯދުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެޗްޑީސީއިން ފްލެޓުތަކަށް ދެމުންދާ "ޖީޕޮން ނެޓްވޯކް" ޚިދުމަތާއި ގުޅޭގޮތުންވެސް ފްލެޓުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށްވަނީ ނިންމާފައެވެ.

އެޗްޑީސީން ވިދާޅުވީ މިސަރވޭގައި މަޢުލޫމާތު ހޯދުމަށްދާ އެކޯޕަރޭޝަންގެ މުވައްޒަފުން ތިބޭނީ އޮފީސް ޔުނިފޯމުގައިކަމަށެވެ. އަދި މިސަރވޭގައި އެއްވެސް ފަރާތެއްގެ ޢާމްދަނީއާއި ބެންކް އެކައުންޓް ނަމްބަރާއި ކާޑުގެ މަޢުލޫމާތު ނުހޯދާނެކަމަށާއި އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ފްލެޓުގެ އެއްވެސް ފަރާތަކާ ބައްދަލު ނުވެއްޖެނަމަ ފްލެޓުގައި ދިރިއުޅޭ ފަރާތަކަށް އެޕޮއިންޓްމަންޓެއް ހޯދުމަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެކަމަށެވެ.

ހިޔާ ފްލެޓުގައި މިދިޔަ އަހަރު މީހުން އާބާދުވެފައިވާއިރު އެސަރަޙައްދުގައި ޤާއިމުކުރަންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް ހުރި ކަންބޮޑުވުންތައް ދެނެގަތުމުގެ މަސައްކަތް އެޗްޑީސީއިންވެސް އަންނަނީ ކުރަމުންނެވެ.