ޚަބަރު

އިންޑިޔާއާއި ޕާކިސްތާނުގެ ސުލްޙައިގެ ވާހަކަތައް ފަސްކޮށްފި


ޕާކިސްތާނުގެ ވެރިރަށް
އިސްލާމްއާބާދުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިޔާއާއި ޕާކިސްތާނުގެ ސުލްޙައިގެ
ވާހަކަތައް ފަސްކޮށްފިއެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިކާސް ސުވަރަޕް ވިދާޅުވީ އިސްލާމްއާބާދުގައި
ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަތައް މުއްދަތެއްނެތި ފަސްކުރެވިފައިވާކަމަށާ، ވާހަކަތައް އަލުން ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް
އިޢުލާން ކުރާނެކަމަށެވެ.



އިންޑިޔާއާއި ޕާކިސްތާނުގެ ޚާރިޖީ
ވަޒީރުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިބައްދަލުވުން ކެންސަލްކުރީ
ޕަންޖާބުގައިވާ އިންޑިޔާގެ ވައިގެ އަސްކަރީ މަރުކަޒަކަށް މިމަހުގެ ކުރީކޮޅު ދިން
ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް އިންޑިޔާއިން ތުހުމަތުކުރާ ޕާކިސްތާނުގެ
ޖައިޝް މުހައްމަދު ޖަމާޢަތުގެ ލީޑަރުންނާ ދެކޮޅަށް އިންޑިޔާ އެދޭފަދަ ހަރުކަށި
ފިޔަވަޅުތަކެއް ޕާކިސްތާނުން ނޭޅުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.



ޕާކިސްތާނުން ވަނީ ޖައިޝް
މުހައްމަދު ޖަމާޢަތުގެ ލީޑަރާއި އެޖަމާޢަތަށް ނިސްބަތްވާ އިތުރު ބަޔަކު
ހައްޔަރުކޮށް ތަޙުޤީޤުތައް ކުރިޔަށް ގެންދާކަން ހާމަކޮށްފައެވެ. ނަމަވެސް
އިންޑިޔާގެ ޚާރިޖިއްޔާއިންވަނީ މިކަން ޕާކިސްތާނުން ކަށަވަރުކޮށް ނުދޭކަމަށް ބުނެ
ޝަކުވާކޮށްފައެވެ.