ޚަބަރު

އެސް.އެމް.އީ ލޯނަށް އެދުމުގެ ފުރުޞަތު އާދީއްތަދުވަހު ހުޅުވާލަނީ


މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިޔަށްގެންދަވާ ފަންސާސް
މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ
އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށް އެ މިނިސްޓްރީ ހާމަކުރައްވައިފިއެވެ.




އެންމެ ކުދި އަދި މެދު ފަންތީގެ ވިޔާފަރިތަކަށް މާލީ އެހީތެރިކަން
ފޯރުކޮށްދިނުމަށް ކުރިޔަށްގެންދަވާ މި ލޯން ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ
އަހަރު އިފްތިތާހު ކޮށްދެއްވާފައިވާ ލޯން ސްކީމެކެވެ.



އިޤްތިޞާދީ ތަރައްޤީ އާބެހޭ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަ ދައްކަވަމުން އެސްއެމްއީ ލޯން ސްކީމްގެ ކޮންސަލްޓަންޓް އިބްރާހީމް ފިރުޝާން
ވިދާޅުވީ އެސްއެމްއީ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ
ސަތާރައިން އެކާވީހުގެ ނިޔަލަށް ހުޅުވާލައްވާފައިވާކަމަށެވެ.



އަދި ލޯނުގެ
އެޕްލިކޭޝަން ފޯމު އެ ވުޒާރާގެ އިތުރުން އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ހަ
ބިޒްނަސް ސެންޓަރުން ބަލައިގަންނާނެކަމަށެވެ. އަދި، އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން
ހުށަހެޅުމުގެ ފުރުޞަތުވެސް އެ ވުޒާރާއިންވަނީ ހުޅުވާލައްވާފައެވެ.



މި  ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭއިރު ލޯނުގެ
އިންޓްރެސްޓަކީ އަހަރަކު ނުވައެއް އިންސައްތައެވެ. އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ
ގިނަވެގެން ފަސް ލައްކަ ރުފިޔާ ދޫކުރުމަށް ނިންމަވާފައިވާއިރު ކޯޕަރޭޓިވްސް ނުވަތަ
ގިނަ ބަޔަކު ޙިއްސާވާ ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖައްސަވާފައިވަނީ ގިނަވެގެން
އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ
ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.



މި ލޯން ދޫކުރާއިރު ވަރަށް ޚާއްޞަކަމެއްދޭ ތިން ދާއިރާއެއް
ލޯން ސްކީމުގައި ހިމެނޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން
ވިދާޅުވީ ލޯނު ފައިސާ ތިން މަސް ދުވަހުގެ ތެރޭ ދޫކުރުމަށް މަސައްކަތް
ކުރައްވާނެކަމަށާއި ލޯނު ފައިސާ ދޫކުރައްވާނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ.



އެސްއެމްއީ ލޯނަކީ ޒުވާނުންނަށް ޚާއްޞަކޮށް، އަދި ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްޠިޞާދީ އެޖެންޑާގެ
ދަށުން ކުރިޔަށްގެންދަވާ ލޯން ސްކީމެއްކަމަށެވެ.