ކުޅިވަރު

ލިވަޕޫލާއި ސިޓީގެ ސަޕޯޓަރުންނަށް ހިލޭ ބަސްދަތުރު ދެނީ


ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ވާދަކުރާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް ހިލޭ ބަސް ދަތުރު ދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

އިނގިރޭސި އެފްއޭ އިން މިހެން ނިންމީ މެޗު ކުޅޭ ހަފްތާ ބަންދުގައި މަގު ހެދުމުގެ މަސައްކަތްތަކަށް އިނގިރޭސިވިލާތުގެ ހުޅަނޑު އުތުރުގެ ގިނަ މަގުތަކެއް ބަންދުކުރަން ނިންމާފައި ވުމުންނެވެ. މީގެ ސަބަބުން ސަޕޯޓަރުން މެޗު ބަލަން ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތި ވާތީވެ، މެޗު ކުޅޭ ދަނޑު ބަދަލު ކޮށްދޭން ދެ ކުލަބު ނިސްބަތްވާ ސިޓީގެ މޭޔަރުން ވަނީ އެ އެސޯސިއޭޝަނުގައި އެދިފަ އެވެ.

މިގޮތުން 5000 އެއްހާ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ލަންޑަނަށް ގެންގޮސް އަނބުރާ ގެންނަން އިނގިރޭސި އެފްއޭ ހަރަދުގައި 100 ބަސް ދަތުރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މަސައްކަތް ކުރަން މަގުތައް ބަންދު ކޮށްފައި ވުމުން ދަތުރުތަކަށް ގިނަ ވަގުތު ހޭދަވާނެތީވެ ސަޕޯޓަރުންގެ ޗާޓާޑް ބަސް ދަތުރުކުރާ މަގުތަކުގެ މަސައްކަތްތައް ވެސް އެދުވަހަށް މަޑު ޖައްސާލާނެ ކަމަށް އެފްއޭ އިން ބުނެ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ މީގެ ކުރިން އެފްއޭ ކަޕުގައި ވާދަކޮށްފައެއް ނުވެ އެވެ.