ދުނިޔޭގެ ވިޔަފާރި

އިންޑިއާއާއި އޮސްޓްރޭލިއާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ދިމާލަށް އަމާޒު ހިފައިފި


އިންޑިއާ އާއި އޮސްޓްރޭލިއާ ދެމެދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި، ދެ ޤައުމު ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ލުއިތަކެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އޮންލައިންކޮށް ބައިވެރިވި މި ރަސްމިއްޔާތުގައި ދެ ޤައުމުން ވަނީ މުދާ އެތެރެކުރުމުގައި މިހާރު ނަގަމުންދާ ޑިއުޓީ ކުޑަ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ ޤައުމުގެ ޓްރޭޑް މިނިސްޓަރ ޑޭން ޓެހާން ސޮއިކުރިއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، ކޮމާސް އެންޑް އިންޑަސްޓްރީސް މިނިސްޓަރ ޕިޔުޝް ގޯޔަލްއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ އޮސްޓްރޭލިއާގެ 85 އިންސައްތައަށް ވުރެގިނަ މުދަލަށް ދައްކަމުންދާ ޑިއުޓީ ކަނޑާލާނެއެވެ. މީގެ ސަބަބުން އިންޑިއާއަށް އޮސްޓްރޭލިއާއިން ބޭރު ކުރާ 91 އިންސައްތަ މުދަލަށް ޓެރިފް ކެނޑޭނެއެވެ. މިއީ ގާންގަނޑަކަށް 9.4 ބިލިއަން ޑޮލަރުގެ މުދަލެވެ. މީގެ ތެރޭގައި އެކި މަޢުދަންތަކާއި، އޮސްޓްރޭލިއާއިން ބޭރު ކުރާ އެކި ބާވަތުގެ މަހާއި އަދި ބައެއް ބާވަތުގެ ދަގަނޑު ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އޮސްޓްރޭލިއާއަށް ބޭރުކުރާ 96 އިންސައްތަ މުދަލުން ޑިއުޓީ އުނިވެގެން ދާނެއެވެ.

އޮސްޓްރޭލިއާއިން އިންޑިއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކޮށްފައި މިވަނީ އެ ޤައުމާއި ޗައިނާއާ ދެމެދު މިވަގުތު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އޮސްޓްރޭލިއާގެ ބައެއް އުފެއްދުންތަކާއި ދެކޮޅަށް ޗައިނާއިން ފިޔަވަޅު އެޅުމުންނެވެ. މިއާއިއެކު އޮސްޓްރޭލިއާއިން އެ ޤައުމުގެ ވިޔަފާރި ފުޅާ ކުރުމަށް އިންޑިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ އިންޑިއާއަކީ މިވަގުތު ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރެއިން އެންމެ ފުޅާކޮށް ފަހި ފުރުސަތުތައް ހުޅުވިފައިވާ ދޮރު ކަމަށް ބުނެފައެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އޮސްޓްރޭލިއާ ސަރުކާރުގެ ޓްރޭޑް މިނިސްޓަރ ބުނީ، މިއީ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ފެށުން ކަމަށާއި ކުރިއަށް އޮތްތަނުގައި ދެ ޤައުމުންވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމާޒު ހިފާނެ ކަމަށެވެ. އަދި މިވާހަކަތަކަށް ބާރު ދެއްވަމުން އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ވިދާޅުވީ، އިންޑިއާއިން ބޭނުންވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ދިމާލަށް ވީހާވެސް އަވަހަށް ދިއުމަށް ކަމަށެވެ.

އޮސްޓްރޭލި އާއި އިންޑިއާއާ ދެމެދު އެއްބަސްވުމަކަށް އާދެވުނު އިރު، އޮސްޓްރޭލިއާގެ މިހާރު ސަރުކާރުގެ ދައުރު ނިމުމާއި ވަނީ ގާތްވެފައެވެ. މިއާއެކު މިއީ މިހާރު އޮތް ސްކޮޓް މޮރިސަން ސަރުކާރަށް ކެމްޕެއިން ފެށުމުގެ ކުރީން ވަރަށް މުހިންމު އެއްބަސްވުމަކަށްވަނީ ވެފައެވެ. އެ ޤައުމުގެ ޓްރޭޑް މިނިސްޓަރ ޑޭން ޓެހާން ވަނީ ކޮންމެ ބަޔަކު ދެން ވެރިކަމާއި ހަވާލުވިއަސް މި އެއްބަސްވުން ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.