ޚަބަރު

ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ


ރަތް ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅި ދޫކޮށް އެހެން މަގުތައް ޚިޔާރުކުރަން ތެޔޮ ޓޭންކަރުތަކަށް މަޖުބޫރުވެއްޖެ ނަމަ، އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ލަސްވުމެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރުކޮށްފިއެވެ. މި ނުރައްކާ ކުރިމަތިވެފައި ވަނީ، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން އެ ޤައުމުގެ މަޚާ ބަނދަރާއި، އިސްތިރާޖީ ގޮތުން މުހިންމު މައްޔޫން ޖަޒީރާ ހިފާފައިވާ ކަމަށް ޔަމަނު ސަރުކާރުގެ މަޞްދަރުތަކުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކަނޑުއޮޅިން ދެކުނަށް ދަތުރުނުކުރެވިއްޖެ ނަމަ، ތެޔޮ އުފުލާ ޓޭންކަރުތަކަށް ޖެހޭނީ ސުވަޔިސް ކޯރު ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑަށް ނިކުމެ، އެފްރިކާ ބައްރު ވަށައިލުމަށްފަހު އިންޑިޔާ ކަނޑު ހުރަސްކޮށް ދަތުރުކުރާށެވެ. މީގެ ސަބަބުން ތެލާއި، ފްރައިޓާއި އިންޝުއަރެންސް އަދި ފަޅުވެރިންގެ ހަރަދުތައް އުފުލިގެންދާނެ ކަމަށް މާހިރުން އިންޒާރު ކުރެއެވެ.

އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޔަންބުޢު ބަނދަރު މެދުވެރިކޮށް ތެޔޮ އެކްސްޕޯޓު ކުރަން ފަށާފައެވެ. ހަނގުރާމައިގެ ކުރިން ހުރްމުޒް ހުރަސްކޮށް ދުވާލަކު 20 މިލިޔަން ފީފާގެ ތެޔޮ އުފުލާފައިވާއިރު، ޔަންބުޢުން މަގުން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ދުވާލަކު 4.5 މިލިޔަން ފީފާގެ ތެޔޮ އެކްސްޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 3 މިލިޔަން ފީފާ އުުފުލާފައި ވަނީ ބާބް އަލް-މަންދަބް މަގުންނެވެ. ނަމަވެސް، ޙޫޘީންގެ ނުރައްކަލާއެކު އޮގަސްޓު މަހާ ހަމައަށް އައިއިރު އެ ޢަދަދު ދުވާލަކު 400،000 ފީފާއަށް ވެއްޓިފައިވާ ކަމަށާއި، މި މަގަކީ ކުރިން ސަލާމަތުގެ މަގެއް ކަމަށް އެނާޖީ އެސްޕެކްޓްސްގެ އޮފިޝަލެއް ކަމަށްވާ ރިޗަރޑް ބްރޮންޒް ވިދާޅުވިއެވެ. އަދި، 2023 ގެ ފަހުކޮޅުން ފެށިގެން އެ މަގުން ކުރާ ދަތުރުތައް %60 އާއި %70 އާ ދެމެދަށް ދަށްވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ޙާލަތު ގޯސްވުމާ ގުޅިގެން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 109 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. ސެޕްޓެންބަރު 11 ވަނަ ދުވަހު އަގު 104 ޑޮލަރަށް ތިރިވި ނަމަވެސް، މިއީ ޖުލައި މަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ބަދަލުގައި އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން އެހެން ސަރަހައްދުތަކުން ތެޔޮ ހޯދަން މަސައްކަތްކުރުމަކީ ބާޒާރުގައި އަގުތައް އިތުރަށް އުފުލޭނެ ކަމެއް ކަމުގައި މާހިރުން އިންޒާރު ކުރެއެވެ. މި ނުތަނަވަސްކަމުގެ އަސަރު ޢާންމު ރައްޔިތުންނާ ހަމައަށް ފޯރަމުންދާއިރު، ހަނގުރާމަ ފެށުނު ފަހުން އެމެރިކާގައި ޑީސަލް ގެލަނެއްގެ އަގު ވަނީ %50 އަށްވުރެ ބޮޑަށް އުފުލި، ފުރަތަމަ ފަހަރަށް 6 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. ޓްރަމްޕްގެ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވަނީ އެމެރިކާގެ ރައްޔިތުންނަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.