އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ
މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލަ ބެލުމަށް
އެކުލަވާލި 3 ފަނޑިޔާރުންގެ ބެންޗު އުވާލައްވާ، ފަނޑިޔާރު ޢަބްދުލް ބާރީ ޔޫސުފް
އެކަނި އެ މައްސަލަ ބައްލަވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.
އިމްރާންގެ މައްސަލަ މީގެ ކުރިން ބައްލަވަމުން
ގެންދެވީ ޤާޟީ ޢަބްދުލް ބާރީ ޔޫސުފާއި ޤާޟީ ޢަބްދުﷲ ނަޝީދާއި ޤާޟީ އަޙުމަދު ސަމީރު
ޢަބްދުލް އަޒީޒް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން
ފައްޓަވަމުން ޤާޟީ ބާރީ ވިދާޅުވީ މި މައްސަލަ ބެއްލެވުމަށް އެކުލަވާލެއްވި ބެންޗް
އުވާލައްވާ މި މައްސަލަ ދެން ބައްލަވާނީ ޤާޟީ ބާރީ އެކަނިކަމަށް ކްރިމިނަލްކޯޓްގެ
އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ނިންމަވާފައިވާކަމަށެވެ.
އިމްރާނާއި ދެކޮޅަށް ދައުލަތުން އުފުއްލަވާފައިވާ
ޓެރަރިޒަމްގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުން އޭނާއާއި ދެކޮޅަށް
ހުށައަޅާފައިވާ ވީޑިއޯ ހެކިތައް ހުށައެޅުމެވެ. މިގޮތުން ދައުލަތުން
ހުށައަޅާފައިވަނީ އިދިކޮޅު ފަރާތްތައް ގުޅިގެން މިދިޔަ އަހަރުގެ މޭޑޭގައި ބޭއްވި
މުޒާހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް އިމްރާން ދެއްކެވި ވާހަކަތަކެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން
އިމްރާން ޢަބްދުﷲ ވިދާޅުވީ އެ ދުވަހުގެ މުޒާހަރާގައިވެސް އަދި އެހެން އެއްވެސް
އިރެއްގައިވެސް ބަޔަކަށް ގެއްލުމެއް ދިނުމަށް ގޮވާލާފައި ނުވާނެކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އިމްރާން ޢަބްދުﷲއާއި
އޭނާގެ ދިފާއީ ވަކީލުންނާއި މައްސަލަ ބައްލަވާ ޤާޟީ ގިނަ ސުވާލުތަކެއް
ކުރިމަތިކުރައްވާފައިވެއެވެ.
އަދި މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން
އިމްރާން ދައްކަވަނީ ސިޔާސީ ވާހަކަތައްކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.
މީގެއިތުރުން އިމްރާންގެ ވަކީލުންގެ ގޮތުގައި
ތިއްބެވި ބޭފުޅުން ޢިލްމުވެރިންގެ ގޮތުގައި ތިއްބަވާ އޮޅުވާލުމަށް މަސައްކަތް
ކުރައްވަމުން ގެންދަވާކަމަށްވެސް ޤާޟީ ޢަބްދުލް ބާރީ ޔޫސުފް ތުހުމަތުކުރައްވާފައިވެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ
މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.